ބޮޑާކަމާ ޚިޔާނާތްތެރިކަމުގެ ސިފަ ހުރުމަކީ އާޚިރަތް ނުލިބުމުގެ އިތުރަށް ދުނިޔޭގައިވެސް ނިކަމެތިކަންލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބޮޑާކަމާ ޚިޔާނާތްތެރިކަމުގެ ސިފަ ހުރުމަކީ
އާޚިރަތް ނުލިބުމުގެ އިތުރަށް ދުނިޔޭގައިވެސް ނިކަމެތިކަންލިބޭ ކަމެއް!

 

މީހާ ގެއްލެނިވެގެންދާ ދެ ސިފައެއް ވެއެވެ. މި ދެ

ސިފަ ލިބިގެންފި މީހަކަށް މިދުނިޔޭގައިވެސް އުފާވެރިކަމެއް އަދި ކުރިއެރުމެއްވެސް ނުލިބޭނެއެވެ. އަދި މީސްތަކުންގެ ލޯތްބާއި ތަޢްރީފެއްވެސް ނުލިބޭނެއެވެ.

1 ބައެއް މީހުންނަށް ނިޢްމަތެއް ލިބުމުން ފަޚުވެރިވެއެވެ. ބޮޑާވެ ކިބުރުވެރިކަން ދައްކައެވެ. އެއީ ތިމާއަށް ލިބުނު މާބޮޑު ޝަރަފެއް ކަމަށް ދެކި ސަޅިކަނޑައެވެ. އެމީހުންނަށް ހީކުރެވެނީ އެމީހުންނަކީ އެހެންމީހުންނަށްވުރެ މާމަތީ ބާރުތަކާއި ދަރަޖައެއް ލިބިފައިވާ ބައެއް ކަމަށެވެ.

 

އެފަދަ މީހުންނަށް ބުނަމެވެ. އެއްވެސް އެހެން މީހަކަށް މާގިނައިން ލިބިފައި ނުވާ ނިޢްމަތެއް ލިބޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ދުނިޔޭގެ ޙަޔާތަކީ އެއީ އެވެ. ވީމާ ތިމާގެ މޮޅުކަން ދައްކަން ނުއުޅެ މަޑުމައިތިރިކަން އިޚްތިޔާރުކުރާށެވެ!

2 ތިބާ އާއި ހަވާލުކުރެވޭ ކޮންމެ ޒިންމާއަކީވެސް އަދި އަމާނާތަކީވެސް ވަރަށް ނާޒުކު އެއްޗެކެވެ. އަމާނާތެއް ނުވަތަ ޒިންމާއެއް ވަރަށް ފަސޭހައިން ވެސް ހަވާލުކޮށްފާނެއެވެ. ނަމަވެސް އެއީ ތިބާ ހިތަށްއެރިހައި ގޮތަކަށް ކަންކަން ކުރަން ހަވާލުކުރެވޭ ކަންކަމެއް ނޫނެވެ.

އެއީ ހަމަ އެންމެ ތުނި ބިއްލޫރި ފަދަ އެއްޗެކެވެ. ވެއްޓޭއިރަށް ތެޅޭނެއެވެ. ތެޅުމުން އެއްކޮށް ކުރިން ހުރިގޮތަކަށް ނުހެދޭނެއެވެ. އަމާނާތަށް ނުވަތަ ޒިންމާއަށް ޚިޔާނާތްތެރިވުން ވެސް އެއީ ހަމަ އެފަދަ ކަމެކެވެ. ކުރެވޭ ޚިޔާނާތުގެ އެންމެ އަމަލަކުންވެސް އިތުބާރު ގެއްލިގެންދާނެއެވެ. ގެއްލިއްޖެނަމަ އެކަން އަނބުރައި ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންވެ.

ޚިޔާނާތަކީ އެހެން މީހުންގެ ހިތުގައި ބިންވަޅު ނެގޭ އެއްޗެކެވެ. މީސްތަކުންގެ ފިކުރުން އެ ލަކުނު ފިލުވައިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިމާ އާއި ހަވާލުކުރެވޭ އެއްވެސް ޒިންމާއަކަށް ނަމަވެސް އަދި އަމާނާތަކަށް ނަމަވެސް ޚިޔާނާތްތެރިނުވާށެވެ. ފަސްބައިން އެ ލައްގަނޑު ފިލުވައި ނުލެވޭނެތީއެވެ.

--މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން