ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެ ކުއްޖާގެ ބައްޕަ ވަނީ ދަރިފުޅު ނިޔާވިކަން ކަށަވަރުކޮށްދީފައެވެ. އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ ވެސް އެ ކުއްޖާ އަށް ފަރުވާ ދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް ވަގުތުން އިޖާބަދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.