އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް މޯލްޑިވިއަންއިން ކުރާ ދަތުރުތައް އިތުރުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް މޯލްޑިވިއަންއިން ކުރާ ދަތުރުތައް އިތުރުކުރަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އަވަށްޓެރި އިންޑިއާގެ މަންޒިލްތަކަށް ކުރަމުންދާ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ޤައުމުގެ ޓްރިވެންޑްރަމަށާއި ކޮޗިންއަށް ކުރާ ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މަޢުލޫމާތު ދޭ ގޮތުގައި، މި ބަދަލާއެކު މިހާރު މި ދެ މަންޒިލަށް ހަފުތާއަކު ކުރަމުން އަންނަ 5 ދަތުރުގެ ބަދަލުގައި، ހަފުތާއަކު 6 ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މި ދެ ސިޓީއަށް މޯލްޑިވިއަންގެ ފްލައިޓްތައް އޮޕަރޭޓް ކުރަމުންދަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޑިސެންބަރު 13 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކުވެސް މި ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

އިންޑިއާގެ މި ދެ މަންޒިލަށް ކުރާ ދަތުރުތައް ހަފުތާއަކު 5 ދުވަހަށް މޯލްޑިވިއަންއިން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ގައެވެ. އިންޑިއާއަކީ ބޭސްފަރުވާއަށާއި ވިޔަފާރި އަދި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ ޤައުމަކަށް ވާތީ، މި ދަތުރުތަކަށް އޮންނަ ޑިމާންޑް އަބަދުވެސް އޮންނަނީ ވަރަށް ބޮޑުވެފައެވެ. ޚާއްޞަކޮށް އަހަރު ނިމޭ ސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް އިތުރުކުރުމަކީ ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އިތުރުކުރެވުނު ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. ދަތުރުވެރިންނަށް އެ އެއަރލައިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށް މިހާރު ޓިކެޓް ބައްލަވައިގަނެވޭނެއެވެ.

މިއަދު އޮންލައިން