ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން "ކެޓް އައިލެންޑް" އެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު، މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަގުމަތީ ބުޅާތަކުގެ ސަބަބުން މާލެ އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޮޅުހިޔާގެ ޖާގަ އިތުރުކުރެވިގެން ދިޔުމަކީ މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި އެންމެހައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.