މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
އެމްއައިބީން މަޢުލޫމާތު ދެއްވި ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަން ނިންމީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މީގެކުރިން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް، މިހާރު ވަނީ 14 ސެޕްޓެމްބަރު 2026 ވާ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް އެ ފުރުސަތު އިތުރުކޮށްދީފައެވެ.
"އެމްއައިބީ ގެސްޓްހައުސް އެވޯޑްސް" އަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ދޭ ޚާއްޞަ އެވޯޑެކެވެ.
މި އެވޯޑުގައި ޖުމްލަ 3 ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޓިއަރއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވަކިވަކި ފަރުދުންނަށް ދޭ އިންޑިވިޖުއަލް 3 އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް"ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތާއީދުކޮށްފައިވާ މި އެވޯޑުގެ އިވެލުއޭޝަން މަރުޙަލާ މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ.
އެހެންކަމުން، މި އެވޯޑަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުން ވެސް، އިތުރުކުރެވުނު މުއްދަތު ކަމުގައިވާ 14 ސެޕްޓެމްބަރު 2026 ގެ ރޭ 23:59 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.