"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް" ފޮތުގެ ދެވަނަ އިޞްދާރު ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް" ފޮތުގެ ދެވަނަ އިޞްދާރު ނެރެފި

ޤާނޫނު ނަންބަރު 27/2025 ޒަކާތުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ގ)ގެ ދަށުން 'ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް' ފޮތުގެ ދެވަނަ އިޞްދާރު މިއަދު ނެރެފިއެވެ. މިއީ ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި އަދާހަމަކުރެވިފައިވާ އިރުޝާދުތަކެއް ހިމަނައިގެން ނެރުނު އިޞްދާރެކެވެ.

މި ފޮތުގެ ދެވަނަ އިޞްދާރު ރަސްމީކޮށް ނެރެދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަލަށް އަދާހަމަކުރެވުނު މި އިޞްދާރުގައި ހިމަނާފައިވަނީ 1 ޖަނަވަރީ 2026ގައި ޢަމަލުކުރަން ފެށުނު ޒަކާތުގެ އައު ޤާނޫނުގެ ދަށުން އެކުލަވައިލެވުނު ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތީން ގެނެވިފައިވާ އިޞްލާޙުތަކެކެވެ.

ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން އައު ޤާނޫނީ އޮނިގަނޑުގެ ދަށުން ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ކަންކަމުގައި އިރުޝާދު ދެމުން ގެންދަނީ، ޒަކާތާ ގުޅުންހުރި ސިޔާސަތުތަކާއި އުޞޫލުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

އެހެންކަމުން، މި ދެވަނަ އިޞްދާރުން ދައްކުވައިދެނީ ޒަކާތުގެ އައު ޤާނޫނާއެކު އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތަކެވެ. އަދި ހަމައެއާއެކު، ޒަކާތުގެ އިދާރީ ކަންކަން ހިންގުމުގައި ބޭނުންވާ ޝަރުޢީ އަދާހަމަ އުޞޫލުތަކާއި މިންގަނޑުތައް ވެސް މި ފޮތުން ފޯރުކޮށްދެއެވެ.

މި ފޮތަކީ ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، އަދި ބެހުމުގެ މަސައްކަތުގައި ޝާމިލުވާ މުއައްސަސާތަކަށާއި ފަރުދުންނަށް ބޭނުންތެރި މުހިންމު ރެފަރެންސަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް، ހަމަހަމަ އުޞޫލުތަކެއް ހިފެހެއްޓުމަށް ބާރުއެޅިގެންދާނެއެވެ.

މި ފޮތް މިހާރު ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއަދު އޮންލައިން