ރައީސް އެދިވަޑައިގަތީ ރިޒޯޓުތުކުން ޑޮލަރުން މުސާރަދޭން! 40 އިންސައްތަ މާރުކޮށްފައިވެސް މުވައްޒިފުންނަށް ޑޮލަރުން މުސާރަ ދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ރައީސް އެދިވަޑައިގަތީ ރިޒޯޓުތުކުން ޑޮލަރުން މުސާރަދޭން! 40 އިންސައްތަ މާރުކޮށްފައިވެސް މުވައްޒިފުންނަށް ޑޮލަރުން މުސާރަ ދެވޭނެ!

ޤައުމަށް އެތެރެވާންޖެހޭ ބޭރުފައިސާ އެތެރެކުރުމަށާ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރުމަށް ޤާނޫނުތައް ހަދައި ތަންފީޒުކުރުމަކީ ދުނިޔޭގެ އެންމެ ބޮޑެތި އިޤްޠިޞޯދުތަކުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ބަލައިފިނަމަ އެންމެ ހަރުކަށި އުޞޫލުތައް ގެންގުޅޭ އެއްޤައުމަކީ އިންޑިއާއެވެ.  

ރާއްޖޭގައި ދިމާވެގެން މިއުޅޭ މައްސަލައަކީ ހަރުދަނާ ޤާނޫނުތަކެއް ނެތް މާޒީއެއް އޮތުމުން ކަޅުބާޒާރުގައި ބޮޑުއަގުގައި ޑޮލަރުވިއްކުމުގެ ޘަޤާފަތެއް އުފައްދައި އެކަމުން ތަނަވަސްކަން އިތުރުކުރަމުން އައުމެވެ. ސަރުކާރަށް މާރުކުރަންޖެހޭ ޙައްޤު މިންވަރު މާރުކުރަން ބުނުމުން އެކަމުގެ ގެއްލުން މުވައްޒިފުންނަށް ދިނުމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރިޒޯޓުތަކަށް ގޮވައިލެއްވީ މުވައްޒިފުންނަށް ޑޮލަރުން މުސާރަދިނުމަށެވެ. ވޮދާޅުވީ 40 އިންސައްތަ މާރުކޮށްފައިވެސް ޑޮލަރުން މުސާރަދެވޭނެ ކަމަށެވެ.  

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން:    

އެހެންވީމާ، ރިޒޯޓު މުވައްޒަފުން އެ ދައްކާ ވާހަކައަށް، ސަރުކާރުން ފުރިހަމައަށް ތާއީދުކުރަން. ފުރިހަމައަށް، ވަރަށް ފުރިހަމައަށް، އަދި ވަރަށް ބޮޑަށް އަޅުގަނޑު ތަރުޙީބުވެސް ދެން. ވަރަށް ބޮޑަށް އެކަމަށް ބާރުވެސް އަޅަން، މުވައްޒަފުން އެ ދައްކަވާ ވާހަކަފުޅުތަކަށް. އެ ބޭފުޅުންނަށް އެ ލިބެމުންދާ މުސާރަ، ޑޮލަރުން ދިނުން، އެއްގޮތަކަށްވެސް ހުއްޓައިލައިގެން ނުވާނެ. އެއީ، އެއްވެސް ރިޒޯޓަކުން ކޮށްގެންވާނެ ކަމެއްނޫން. ކުރުމަކަށް އެއްވެސް އުޒުރެއްވެސް ނެތް. މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދީފައި، ލޯނު ދައްކާފައި، ޚަރަދުތަކަށް ފައިސާ ދައްކާފައި، މާ ފަސޭހައިންވެސް، މި 40 އިންސައްތަ މާރުކުރެވޭނެ. 

އެހެންވީމާ، އަޅުގަނޑު އެދެނީ، ހުރިހާ ރިޒޯޓުތަކުން މިކަމުގައި ޤާނޫނަށް ތަބަޢަވެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މި ކުރެވޭ ކަންކަމުގައި، ޤައުމީ ޒިންމާ އަދާކޮށްދެއްވުން. ޤައުމީ ޒިންމާ އަދާކޮށްދެއްވުމަކީ، ކޮންމެހެންވެސް ކުރައްވަންޖެހޭނެ ކަމެއް. އެ ބޭފުޅުންގެ ވިޔަފާރީގެ ޒިންމާވެސް މިކަމުގެ ތެރެއިން އަދާކުރެއްވޭނެ ކަމެއް. 

އާދެ، މިކަން މިގޮތަށް ކުރިއަށް ގެންދިޔުމުގައި، ސަރުކާރުގެ ވުޒާރާތަކުން އަދި ހަމަ ޔަޤީނުންވެސް އަޅުގަނޑަށް އެނގޭ، އެމް.އެމް.އޭ.އިންވެސް އެ ބޭފުޅުންނާ އެކީގައި، އަދި ހުރިހާ ފަރާތްތަކާ އެކީގައިވެސް، އަބަދުވެސް ގާތް ގުޅުން ބާއްވަވައި މަޝްވަރާ ކުރައްވާނެ. 

އެހެންވީމާ، މި ތަންފީޒުކުރުމުގައި، ޤާނޫނު ތަންފީޒުކުރުމުގައި، މި ޤާނޫނުގައި ބަޔާންކޮށްފައި ހުރި ހުރިހާ މާއްދާތަކަކަށް ފުރިހަމައަށް ތަބަޢަވުމުގައި، އަދި ތަންފީޒުކުރުމުގައި، ކަމާބެހޭ އިދާރާތަކުން ޚާއްޞަކޮށް، އެމް.އެމް.އޭ.އިން ފުރިހަމައަށް ތަންފީޒުކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި، އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުންވެސް، ފުރިހަމައަށް ބޯލަނބާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެއީ، މިއީ އެއްވެސް ދައްޗެއް އޮތް ކަމަކަށް ނުވާތީ. މިއިން ފައިދާވާނީ، ހަމަ ޔަޤީނުންވެސް އާންމު، ދިވެހި ރައްޔިތުންނަށް. 

އެހެންވީމާ، ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަންޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި، އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަކަށް ގަބޫލެއްނުކުރަން. 

އާދެ، އޭގެއިތުރަށް، ދަންނަވާލަން ބޭނުންވަނީ، މިކަމުގައި ސަރުކާރުން އިރާދަކުރެއްވިއްޔާ ވަރަށް ސާބިތުކަމާއެކީގައި، ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުން ފަޅީގައި ތިބެގެން ކުރިއަށްދާނެ ވާހަކަ.

 

 

މިއަދު އޮންލައިން