މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައާއި ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ، އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤު ކުރުމަށްޓަކައި ޚާއްޞަ ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިފަދަ ފަރާތްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، އެ ޓާސްކްފޯސްއާ ހިއްސާކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސް (SMS) ކޮށްގެން ނުވަތަ ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި އެފަރާތްތަކުން ދޭ މަޢުލޫމާތުގެ ސިއްރުކަން ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމަށެވެ. އަދި މިފަދަ މަޢުލޫމާތު ހިއްސާކުރާ އާންމު ފަރާތްތަކުން، މައްސަލައިގެ އެއްވެސް ތަޙްޤީޤީ އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދެއްވާފައެވެ.