ޢާއިޝަތު ރަފާޙް ޢަލީ
ހެޔޮކަމެއް ކުރަން ގަސްތުކުރާ މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަން ލިޔުއްވައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަންކަބޫތް ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިން،
وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ﴿٦٩﴾
މާނައީ: "ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ. (69)"
ﷲ ސުބްޙާނަހޫ ވަތަޢާލާ ދައްކަވާ ރަނގަޅު މަގަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އިޚްލާޞްތެރިކަމާއި ދަރުމަ ލިބުމުގެ އިތުރުން، ސާފުކަމާއި އުފެއްދުންތެރިކަން ވެސް ލިބިގެންދާނެއެވެ. މީހަކު އެއްޗެއް ހޯދަން މަސައްކަތްކޮށް، އެކަމަށް ޢަމަލުކުރަމުންދާނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ދަތުރުގެ ދެން އޮތް މަރުޙަލާ ހުޅުވައިދެއްވާނެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިން، ޢިލްމު ލިބެނީ ޢިލްމު ހޯދުމުންނެވެ. ޢިލްމުވެރިން ވަނީ ހަމައެކަނި ދުޢާކުރުމަކުން ނޫނެވެ. އެމީހުން މަސައްކަތްކޮށް، އުނގެނި، އަދި އުނގެނޭ އެއްޗަކަށް ޢަމަލުކުރެއެވެ. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންގެ ހިތްތައް ހުޅުވައިދެއްވައި، ފަހުމުވުމާއި ފުރުޞަތުތައް ދެއްވައެވެ.
ކެތްތެރިކަން އަންނަނީ ކެތްތެރިކަން އުނގެނުމުންނެވެ. ރަނގަޅު އަޚްލާޤު ލިބެނީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކާ އެއްގޮތަށް ޢަމަލުކުރުމުންނެވެ. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އިތުރު ފުރުޞަތުތައް ހުޅުވައިދެއްވައެވެ.
ކޮންމެ ދަތިކަމަކީ ވެސް ފުރުޞަތެކެވެ. އަޅުގަނޑުމެން ކުރިމަތިވާ ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ އީމާންކަމާއި ކެތްތެރިކަން ވަޒަންކުރުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާ އިމްތިޙާނުތަކެކެވެ. މި އިމްތިޙާނުތަކުގައި ކާމިޔާބުވުމަށް، އަޅުގަނޑުމެން ވާންޖެހޭނީ:
އީމާންކަމުގައި ސާބިތުވެ ތިބޭ ބަޔަކަށް
ﷲ އަށް ތަވައްކުލުކުރާ ބަޔަކަށް
މަސައްކަތުގައި ދެމިތިބޭ ބަޔަކަށް
އުއްމީދު ކަނޑާނުލާ ބަޔަކަށް
އަތުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރާ ބަޔަކަށް
މިގޮތަށް ޢަމަލުކުރުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކުރިއެރުމާއި ކާމިޔާބުގެ ދޮރުތައް ހުޅުވައިދެއްވާނެކަން ޔަޤީނެވެ.
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް ސުވާލުކުރަންވީ:
ﷲ ދެއްވާފައިވާ ނިޢުމަތްތަކާމެދު އަޅުގަނޑު ޢަމަލުކުރަނީ ކިހިނެއްތޯ؟
އަޅުގަނޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އަޅުގަނޑު ކިހާ މިންވަރަކަށް މަސައްކަތްކުރަންތޯ؟
އަޅުގަނޑުގެ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ؟
މި ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދީ، އިޞްލާޙުވާން ޖެހޭ ކަންކަން އިޞްލާޙުކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރާ މީހުންނަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު މިންވަރުކުރައްވާނެކަން ޔަޤީނެވެ. އިން ޝާ ﷲ
- ޑރ. އުމަރު ސުލައިމާންގެ ދަރުސަކުން
- މިއަދުނޫސް