ދެމަފިރިން އެކުގަ ރޭއަޅުކަމުގެ ކުޑަމިންވަރެއްނަމަވެސް ކުރާނަމަ އާޚިރަތް ކާމިޔާބުކުރެވުމުގެ އިތުރަށް ދިރިއުޅުންވެސް ކުރިއަރައި އުފާވެރިކަން ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދެމަފިރިން އެކުގަ ރޭއަޅުކަމުގެ ކުޑަމިންވަރެއްނަމަވެސް ކުރާނަމަ އާޚިރަތް ކާމިޔާބުކުރެވުމުގެ އިތުރަށް ދިރިއުޅުންވެސް ކުރިއަރައި އުފާވެރިކަން ލިބޭނެ! އިން ޝާ ﷲ

ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭ މީހުން ގިނަވާވަރަކަށް މައްސަލަތައް ގިނަވާނެއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައްވެސް ގިނަވާނެއެވެ. ސަލާމަތްކަމަށް އެދެންވީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަމަށް ކުރަންއޮތް އެންމެ ފައިދާބޮޑުކަމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ރޭއަޅުކަންކުރުމެވެ.  

ދެމަފިރިން އެކުގައި ރޭއަޅުކަންކުރާށެވެ! އެންމެ 2 ރަކްޢަތް ނަމަވެސްމެއެވެ. އެކަމުން ދިރިއުޅުމަށް ލިބޭކުރިއެރުމާއި އުފާވެރިކަން ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!  

ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ދަމުނަމާދެވެ. ރޭއަޅުކަމެވެ. އެކަން އެނގޭއިރުވެސް ރޭއަޅުކަން ނުކޮށް ފަރުވާކުޑަކޮށްލައިގެން ތިބެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ތަންކޮޅެއް ބޮޑަށް ސަމާލުކަންދެމާ ހިނގާށެވެ!  

"ސުބްހާނަﷲ އެވެ! މިރޭ ކިހައި ފިތުނައެއް ބާވައިލެވިއްޖެ ހެއްޔެވެ؟ މިރޭ ކިހައި ޚަޒާނާއެއް ބާވައިލެވިއްޖެ ހެއްޔެވެ؟ ކޮޓަރިތަކުގައި (ނިދާފައި)ވާ ކަނބަލުން ހޭލައްވާނީ ކާކުހެއްޔެވެ؟ (އެބަހީ ރޭއަޅުކަންކުރުމަށްޓަކައެވެ.) ފަހަރެއްގައި ދުނިޔޭގައި ހެދުންލައިގެން އުޅޭ އަންހެނަކު، އާޚިރަތް ދުވަހު އޮރިޔާން ޙާލުގައިވެދާނެއެވެ." (ޞަޙީޙް ބުޚާރީ: 1126)  

ރަސޫލް (ﷺ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުން ދަމުނާދަށް ހޭފުޅުލެއްވެވިއެވެ. އެބޭފުޅުންގެ ގަނޑުވަރުކޮޅުތަކަށް ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވިއެވެ. އަދި ދަމުނަމާދު މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވަވައިފާނެ ކަމުގެ ބިރުފުޅަށް ބައެއް ރޭރޭ ދަމުނަމާދަށް މިސްކިތްކޮޅަށް ވަޑައިނުގެން ދޫކޮށްލެއްވެވިއެވެ.  

މީސްތަކުންނޭވެ! ދަމުނަމާދަކީ މިހައި މުހިންމު ނަމާދެކެވެ. މި ބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދަނީ ފިތުނަތަކުން ސަލާމަތްވުމަށާއި ﷲ ބާވައިލައްވަވާ ޚަޒާނާތަކުން ލިބިގަތުމަށްޓަކައި ދަމުނަމާދު ކުރުމުގެ މުހިންމުކަމެވެ. ވީމާ ފިތުނަތަކުން ސަލާމަތްވުމަށާއި އަތްމަތި ތަނަވަސްވުމަށް އެދޭ މީހާ ދަމުނަމާދުކުރުމަށް ފަރުވާތެރިވާހުށިކަމެވެ.  

އަދިވެސް ވިސްނައިލާށެވެ! ރަސޫލް (ﷺ) އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ދިގުކުރެއްވެވިއެވެ. ސަބަބެއް ކަމަށް ޙަދީޘްފުޅުކުރެއްވެވީ "ތިމަން ކަލޭގެފާނު ޝުކުރުވެރިވާ އަޅެއް ކަމުގައި ނުވާންވީ ހެއްޔެވެ؟"  

ވީމާ އެނގިގެން މިދަނީ ދަމުނަމާދަކީ ޝުކުރުވެރިވުމުގެ ގޮތުންވެސް ކުރަން އޮތް ނަމާދެއް ކަމެވެ. ވީއިރު ދަމުނަމާދުގެ އެންމެ 2 ރަކްޢަތް ނަމަވެސް ނުކުރާ މީހާއަކީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާ އަޅެއްކަމުގައި ވެވިދާނެހެއްޔެވެ؟ އަމިއްލަ ނަފްސް ލައްވައި ޖަވާބު ލިބިގަންނާށެވެ!  

ދަމުނަމާދުގެ ސޖިދައިގައި ރަސޫލް (ﷺ) ހޭދަކުރެއްވެވި ވަގުތު ބަޔާންކޮށްދެއްވަވަމުން ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ އެއީ ޞަޙާބީން ކީރިތި ޤުރްއާނުގެ 50 އާޔަތް ވިދާޅުވާހައި ވަގުތުކަމަށެވެ. (ޞަޙީޙް ބުޚާރީ: 1123) އަހަރެމެންނަށް ހޭދަކުރެވޭ ވަގުތާއިމެދު ވިސްނާލައި ތަންކޮޅެއް ގިނަ ވަގުތު ހޭދަކޮށްލުން ކީއްހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން