ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފި

ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކަށް ޖެހޭ ސޫފާސޫފި ކޮންޓްރޯލްކުރުމަށްޓަކައި، ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ރާއްޖޭގެ ހުރިހާ އިދާރީ އަތޮޅަކަށް ފޯރުކޮށްދީފިއެވެ.

މި ތަކެއްޗަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީއާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ލިބިފައިވާ އެހީއެކެވެ. މި އެއްބަސްވުމުގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100،000 ޔުއާންގެ ހިލޭ އެހީ ދީފައެވެ. އަދި މި އެހީގެ ދަށުން ފޯރުކޮށްދިން ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެއެވެ.

ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ޕެސްޓު އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީގައި އެދޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން މިފަދަ ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ރަށު ކައުންސިލުތަކާއެވެ. އެހެންކަމުން ރަށު ފެންވަރުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި 20 އިދާރީ އަތޮޅަށް މި ވަސީލަތްތައް މިހާރު ވަނީ ހަވާލުކުރެވިފައެވެ. މިގޮތުން މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާ މި ތަކެތި ވަނީ ހަވާލުކޮށްފައެވެ.

މި އިންތިޒާމުގެ ދަށުން، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމާއި، ރަށްރަށުގެ ކައުންސިލްތަކަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ސްޕްރޭޔަރުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު އޮފީސްތަކުގެ ޒިންމާއެކެވެ.

މި ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫ ހިމެނެއެވެ.

މިއަދު އޮންލައިން