މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވުމަށް އެދި 700 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅައިފިއެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމުތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގައި ކުރިއަރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތެރިކަމާއި ހުނަރުތައް އާންމުންނަށް ދައްކާލުމަށް ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ.
މިއަހަރުގެ މައުރަޒަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މައުރަޒުގައި ބައިވެރިވެވޭ އުމުރުފުރާއަށް ގެނައި ބަދަލެވެ. އެގޮތުން ޒުވާނުންނާއި ކުޑަކުދިންގެ ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މިއަހަރުގެ މައުރަޒުގައި 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ މި މައުރަޒު އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައެވެ.