ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރަމުންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި އަސާސީ މެރިކަލްޗަރ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައި ހުންނަ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ. އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށް ކުރިއަށްގެންދާ 14 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޖުމްލަ 15 ފަރާތަކަށް ވަނީ ހުޅުވާލެވިފައެވެ.
މި ކޯހުގައި މެރިކަލްޗަރގެ ދާއިރާއިން ގިނަ މުހިންމު ބައިތަކެއް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- އެކްއަކަލްޗަރގެ ނިޒާމުތައް - ދިރޭ ކަނާ އާލާކުރުން - ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން - ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން - ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން - އިތާމުތް އާލާކުރުން - މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީ ބައިތައް - އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި އެފަދަ ބަލިތަކުން ރައްކާތެރިވުން - ދިރުންތައް އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން
މި ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ކުރިއަރުވައި، މި ދާއިރާއިން ދިވެހި ޒުވާނުންނަށާއި ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ އައު ދޮރުތައް ހުޅުވައިދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ ފޮނުވާނީ [email protected] އަށެވެ. މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުޞަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.