ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ފަންނީ އަދި ހުނަރުވެރި މޮޅު އެތުލީޓުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ "އަރުތަ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ފަންނީ ތަމްރީނާއި ތަޖުރިބާ އެތުލީޓުންނަށް ހޯދައިދީ، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކުޅުންތެރިން އުފެއްދުމަށްޓަކައި ސަރުކާރުގެ ފުރިހަމަ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ.
ކުޅިވަރު ވުޒާރާއިން މިހާރު ގެޒެޓްކޮށްފައިވާ އިޢުލާނުގައި ވާގޮތުން، 2027 ވަނަ އަހަރުގެ އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެތުލީޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ އެތުލީޓުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ވުޒާރާއަށް ހުށަހަޅަންޖެހޭނެއެވެ. ޕްރޮގްރާމަށް އެތުލީޓުން ހޮވުމުގައި ޢަމަލުކުރާނީ އަރުތަ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް ބަލައި، މިކަމަށްޓަކައި ޚާއްޞަކޮށްފައިވާ ކޮމިޓީއަކުން އެޕްލިކޭޝަންތައް ވަޒަންކުރުމަށް (އިވެލިއޭޓް ކުރުމަށް) ފަހުގައެވެ.
އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމާއި، އެ ޕްރޮގްރާމުގެ ޤަވާޢިދު މިހާރު ކުޅިވަރާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓް (www.sports.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މިނިސްޓްރީގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.