ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. މިގޮތުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ބަނދަރު އަޕްގުރޭޑްކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް އެމަނިކުފާނު ދެއްވިއެވެ.