މައިންބަފައިންގެ ލޯބިނުލިބުމާ މައިންބަފައިން ދަރިންނަށް ވަޤުތު ނުދިނުމަކީ ދަރިންގެ ވިސްނުން އުނިވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މައިންބަފައިންގެ ލޯބިނުލިބުމާ މައިންބަފައިން ދަރިންނަށް ވަޤުތު ނުދިނުމަކީ ދަރިންގެ ވިސްނުން އުނިވާކަމެއް!

ހަފްތާއެއް ނިމިގެންދާއިރު ދަރިންނާއި އެއްތަށިމަތިން ކައިނުލެވޭ ބެލެނިވެރިން މަދެއް ނޫނެވެ. އެފަދަ މީހުންނަށް ދަރިންނަށް ވަޤުތުދެވޭނެ މިނަވަރަށް ނިކަން ވިސްނައިލަބަލާށެވެ! އެކަމުން ދަރިންނަށް ކުރާނެ އަސަރާއިމެދުވެސް ނިކަން ވިސްނައިލަބަލާށެވެ!  

ދަރިންނަށް އެންމެ މުހިންމީ މައިންބަފައިންނާއިއެކު ވަޤުތު ހޭދަކުރުންކަން ބަޔާންކޮށް ދައްކަމުން މިގެންދާ ވާހަކައަށް އަދިވެސް ބައެއް އިތުރުކޮށްލާނަމެވެ.  

އަތުގައި ފައިސާހުރިނަމަ ދަރިންނަށް އިމެއްނެތި ޚަރަދުކުރާ މީހުން ބައިވަރެވެ. ނަމަވެސް އެފަދަ ބައެއް މީހުންނަށް ނުއެނގޭ ކަމެއް އެބައޮތެވެ. އެއީ ހާހުން ޚަރަދުކޮށްފައި ދަރިންނަށް ގަނެދޭ ކުޅޭތަކެއްޗަށްވުރެ ދަރިންނަށް ލޯބިދޭން ހާދަކޮށްލާ ކުޑައިރުކޮޅުގެ އަގު ދަރިންނަށް މާބޮޑުކަމެވެ. ދަރިން އެންމެ ބޮޑަށް ބޮޑަށް ބޭނުންވަނީ އެވަގުތުކޮޅަށް ކަމެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް ހަދިޔާ ދޭން ބޭނުންވާނެއެވެ! އެހެންވެ ގިނަ ބައަކު ބަލަނީ އެމީހެއްގެ ފެންވަރުން އެންމެ އަގުބޮޑު ހަދިޔާ ދިނުމަށެވެ. ނަމަވެސް ހަޤީޤަތުގައި ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް ދަރިން އެންމެ ބޮޑަށް ބޭނުންވާ އެއްވެސް ހަދިޔާއެއް ގަނެއެއް ނުދެވޭނެއެވެ. އެއީ އެއްވެސް ފިހާރައެއްގައި ވިއްކަން ހުންނަ އެއްޗަކަށް ނުވާތީއެވެ!  

ދަރިން އެންމެ ބޮޑަށް ބޭނުންވާ ހަދިޔާއަކީ، އެމީހުންނާއިއެކު ވަގުތު ހޭދަކުރުމާއި، ސަމާލުކަން ދިނުމާއި ވާހަކަ ދެއްކުމާއި ހިނިތުންވުމާއި ބައްދައިލުމާއި ބޮސްދިނުމެވެ. މިއިން އެއްވެސް ހަދިޔާއަކީ ފައިސާއިން ގަނެދެވޭނެ ހަދިޔާއެއް ނޫނެވެ.    

މީސްތަކުންނޭވެ! ކުޅޭ ތަކެތިވެސް ދޭށެވެ! އެހެނީ މައިންބަފައިންނަށް އަބަދު ކުދިންނާއިއެކުގައި ނުތިބެވޭނެތީއެވެ. އަދި އެކުދިން ކުޅެންވެސް ބޭނުންވާނެތީއެވެ. ނަމަވެސް ވިސްނުންތެރިކަމާއިއެކު ތަކެތިދޭށެވެ. ޚާއްޞަކޮށް އައިޕޭޑާއި ގިން ވަގުތު ހޭދަކޮށްގެން ކުޅެވޭ ގޭމްތަކަށް ކުދިން ނުހާނުވާށެވެ! އެއިގެ ސަބަބުން ކުދިންނާއި އެހެން މީހުންނާއި އޮންނަނަޖެހޭ ގުޅުން ކެނޑިގެންދާނެތީއެވެ. 

ކުޅޭތަކެތި ދޭއިރުވެސް އެއިން އެކުދިންގެ ސިކުނޑިއަށް ފައިދާކުރާނެ ތަކެތި ދޭށެވެ! ވިސްނުން ރަނގަޅުކުރަން އެހީތެރިވެދޭނެ ތަކެތި ބަލައިގެން ދޭށެވެ! އެފަދަ ތަކެތި ދިނުމަކުން އެކަނި ނުފުދޭނެއެވެ. ކުދިންނާއިއެކު ކުޅެން ވަގުތު ހޭދަކޮށް އެއިން ކުއްޖާއަށް ލިބެންޖެހޭ ފައިދާ ކުރާކަން ޔަޤީންކުރަންވާނެއެވެ. ސުވާލުކޮށް އޮޅުންފިލުވަން ވާނެއެވެ.   

މިހާރުގެ ދިރާސާތަކުން އެނގޭގޮތުގައި މައިންބަފައިން ދަރިންނާއިއެކު ވަގުތު ހޭދަނުކޮށް، ލޯބިނުދީ  ކުދިން އެންމެ ބޭނުންވާ ކަމަށް ކުރިން ބަޔާންކުރި ހަދިޔާތައް ނުދޭ ކުދިންގެ ވިސްނުން ކޮށިވެއެވެ. ކަންކަމަށް ދޭ ސަމާލުކަން ވެސް ކުޑަވެއެވެ. ކިޔަވަން ފަރުވާ ކުޑަކުރެއެވެ.  

ރަސޫލް (ﷺ) ޙަސަނުގެފާނާއި ޙުސައިންގެފާނު ގެންގުޅުއްވެވި ގޮތް ޙަދީޘްފުޅުތަކުން އޮޅުން ފިލުވުމުން މިބުނި ބަހުގެ ތެދުކަން އެނގިގެންދާނެއެވެ. ވީމާ ސައިންސްވެރިންނާއި ފަންނީ މާހިރުންނަށް މިއަދު މިހޯދޭ ކަންކަން ރަސޫލް (ﷺ) މިވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން އުންމަތަށް ދަސްކޮށްދެއްވަވައިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން