މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް ވަނީ 1.25 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 1.16 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު %7.7 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީއަށްވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އޭޑީއެފްގެ ގޮތުގައި ލިބިފައިވަނީ 1.18 ބިލިޔަން ރުފިޔާއެވެ. މިއީ %8.4 ގެ އިތުރުވުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމާއެކު، ވައިގެ ބަނދަރުތަކުން ނަގާ ޓެކުހާއި ފީތަކުން ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ލިބޭ މުހިންމު ބާރެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، މާލީ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.