ހުޅުމާލޭގައި ދިމާވަމުންދާ ޓްރެފިކް މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހުޅުމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރުން މިހާރަށް އެޅެންހުރި އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށާއި، އެކަމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ.
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ފާހަގަކުރި ގޮތުގައި މަގުމަތީގެ އަމާންކަން ހާސިލުކުރެވޭނީ ހަމައެކަނި ޤާނޫނުތަކާއި ޤަވާޢިދުތަކުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ކޮންމެ ފަރުދެއްގެވެސް ހޭލުންތެރިކަމާއި، މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ބަހައްޓާ ކަމޭހިތުމާއި އިޙްތިރާމުގެ ސަބަބުން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން 22 ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ބާރު ސްޕީޑުގައި ވެހިކަލް ނުދުއްވުމާއި، ޤަވާޢިދާ އެއްގޮތަށް ދުއްވުން ހިމެނެއެވެ.
އަދި ހަމައެއާއެކު، ނުރައްކާތެރި ގޮތްގޮތަށް އޯވަޓޭކް ނުކުރުމަށާއި، މަގު ހުރަސްކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.