ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ ބޭރުގެ 28 ކުންފުންޏެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އުވާލައިފިއެވެ.
މި ކުންފުނިތައް އުވާލާފައިވަނީ 2024 ވަނަ އަހަރު ތަސްދީޤުކުރި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ކަނޑައެޅި އައު ޝަރުތުތަކާ ގުޅިގެންނެވެ. ނަމަވެސް، މިހާރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން އެ ދާއިރާތައް ދޫކޮށްލުމަށް ނުވަތަ އެހެން ދާއިރާތަކަށް ބަދަލުވުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އައު އުސޫލުތަކުގެ ދަށުން ދިވެހިންނަށް ފުރުސަތު ބޮޑު ދާއިރާތައް ވަނީ ދިވެހިންނަށް ޚާއްސަކޮށްފައެވެ. އަދި ބައެއް ދާއިރާތަކުގައި ބޭރު ފަރާތްތަކަށް ހަރަކާތްތެރިވެވޭނީ ޖޮއިންޓް ވެންޗަރ އުސޫލުން ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ދިވެހިންނަށް ޚާއްސަކުރި ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އަދި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް ހިމެނެއެވެ. މީގެއިތުރުން ވަކި އަދަދަކަށް ވުރެ ކުދި ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް މަޝްރޫޢުތައް ވެސް ވަނީ ދިވެހިންނަށް ޚާއްސަ ދާއިރާތަކުގެ ތެރޭގައި ހިމަނާފައެވެ.