ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް އެ ކުންފުނިން ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި ރެއިލިން ފަދަ ތަންތަން ހުރީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ޤަވާއިދަށް ފެއްތުމަށާއި މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި، ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކުންފުންޏަށް ހުށަހަޅަންޖެހޭނެއެވެ.
މި އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ގޫގުލް ފޯމުގެ ލިންކު، އެޗްޑީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން މިހާރު ލިބެން ހުންނާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.