ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 'އަމާން ދޯދި' އަދި 'އަމާން އުދަރެސް' ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޚާއްޞަ ސޭފްޓީ ސާވޭއެއް ފަށައިފިއެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސާވޭ ކުރިއަށްގެންދިއުމުގެ މައިގަނޑު ބޭނުމަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ވަކިން ދެނެގަތުމެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތައް އެ ޔުނިޓުތަކުގައި އެޅިފައިވޭތޯ ބަލައި، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ދެނެގަތުމަކީވެސް މި ސާވޭގެ މުހިންމު މަޤްޞަދެކެވެ.
މި ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށާއި، ރައްޔިތުންގެ ޙާލަތު ވަޒަންކުރެއްވުމުގެ ގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައެއް ޔުނިޓުތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ޢާއިލާތަކާ ބައްދަލުކުރައްވައި، ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް އޮޅުންފިލުއްވާފައެވެ.
މީގެއިތުރުން، މި ޓަވަރުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެން ޚާއްޞަ ހޭލުންތެރިކުރުމުގެ ސެޝަނެއް ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
އެފްޑީސީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ 'އަމާން ދޯދި' އަދި 'އަމާން އުދަރެސް' ޓަވަރުތަކަކީ އެތަނުގައި ދިރިއުޅޭ އެންމެހައި ޢާއިލާތަކަށް އަމާން، ޞުލްޙަވެރި އަދި ރައްކާތެރި މާހައުލަކަށް ހެދުމަށެވެ. އަދި އެކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވިލަރެސްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އެ ކޯޕަރޭޝަނުން ދެއެވެ.