އިންސާނުންގެ ވިސްނުމާއި ހިތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. ދުވަހަކުވެސް ތިމާއާއި ވަކިނުވާނެކަމަށް ޤަބޫލުކުރެވޭ މީހުން ވަކިވަނީ މަދަކުންނޫނެވެ. އެންމެ ގާތް އެކުވެރިޔާ އެންމެ ބޮޑު ހަތުރަށް ބަދަލުވަނީވެސް މަދަކުންނޫނެވެ. ވީމާ އިތުބާރުކުރަން އޮތީ ހަމަ އެކަނި މާތް ﷲ އަށެވެ.
ދެމަފިރިންގެ ކަމެއްގައި ނަމަވެސް ތިމާ ހިފަހައްޓަން ޖެހޭ ސިއްރެއް އެންމެ ގާތް އެކުވެރިޔާގެ ގާތުގައި ބުނުމަކީވެސް ސިއްރުން ދޮރުގަ ޓަކިޖަހަން ފުރުޞަތު ހޯދާކަމަކަށްވެއްޖެކަން ޤަބޫލުނުކޮށް ދެކޮޅުޖެއްސޭނެ ގޮތެއް މިއަދަކު ނެތެވެ. ކޮންމެ ދުވަހަކު އެތައް ބައިވަރު ކައިވެނިތަކެއް ރޫޅިގެން އެދަނީ ހަމަ ސިއްރުކުރަންޖެހޭ ކަންކަން ސިއްރުގެ ގޮތުގައި ނުހިފެހެއްޓިގެންނެވެ! އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުނީތީއެވެ.
ނަފްސާނީ ގޮތުން ބެލިނަމަވެސް ސިއްރު ސިއްރުގެ ގޮތުގަ ހިފެހެއްޓުމަކީ ސިކުނޑިއަށް އެންމެ އަރާމު ގޮތެވެ! ސިއްރު ސިއްރެއްގެ ގޮތުގައި ހިފަހައްޓާ ނަމަ ބޭޒާރުވެދާނެތީ ބިރުގަންނާކަށް ނުޖެހޭނެއެވެ! އެކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.
ކިތަންމެ ގާތް އެކުވެރިކަމުގައި އުޅުނު ނަމަވެސް އެއްވެސް މީހެއްގެ ހިތެއް ނުއެނގޭނެއެވެ. އެކުވެރިކަން ހަތުރުވެރިކަމަށް ނުވަތަ ޙަސަދަވެރިކަމަށް ބަދަލުވާނެ ވަޤުތެއް ނުއެނގޭނެއެވެ. ކިތަންމެ އެކުވެރި ނަމަވެސް ގިނަވާނީ ހަމަ ފުރުޞަތަކަށް ބަލަބަލައި ތިބޭ މީހުންނެވެ! ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ ފުރުޞަތު ނުދިނުމެވެ. މާނައަކީ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ސިއްރުތައް އެންމެ ބާރުމިނުގައި ހިފެހެއްޓުމެވެ. ހަމަ އެކަކާއިވެސް ޙިއްޞާ ނުކުރުމެވެ.
މިހެން ބުނުމުން ބައެއް މީހުން ކުޑަކޮށް ހިތް ހަމަވެސް ނުޖެހިދާނެއެވެ. ނަމަވެސް މިއަދު ހަޤީޤަތަކީ އަމިއްލަ ޢާއިލާއަށްވެސް އިތުބާރުކުރެވެން ނެތްކަމެވެ. ހަމަ ފުރުޞަތަށް ބަލަބަލައި ތިބޭ ކަމެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ތިމާގެ ފިރިމީހާ ޖަހައިގަންނަކަން މިކަމުގެ ހެއްކަކަށް ނުފުދޭ ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟
މިކަންކަމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ޢާއިލީ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. އެކަން ކޮށްދޭނެ ބައަކު ދުރަކުން ނުއަންނާނެއެވެ. އެކަމަށް ވިސްނަންޖެހޭ މީހަކީ ހަމަ ތިމާއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން