މުސްލިމް އަޚުންނޭވެ! ކުޑަކުދީންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަމެވެ. އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުން ތަކެކެވެ. ހަމައެހެންމެ ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެކެވެ. ހުރިހައި ޙާލެއްގައި، އަދި ހުރިހައި ވަގުތެގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވެއެވެ.
މުސްލިމް އަޚުންނޭވެ! މި ވޭތުވެގެން މިދާ ހަފުތާގެތެރޭގައި އަހަރެމެންނަށް ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެކެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއްލިބުނު މަޢުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރެވެ. މި މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރަޙުމާނުވަންތަ މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ކުޑަކުދީންނަށް އިހުމާލުނުވުމަށް އަމުރުކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން، ނަރަކައިން ސަލާމަތްކުރާށެވެ!" ކުޑަކުދީންނަކީ، މި އާޔަތުގައި ނަރަކައިން ސަލާމަތްކުރުމަށް އަމުރުވެވިފައިވާ އަހުލުންގެތެރެއިންވާ ބައެކެވެ.
މުސްލިމް އަޚުންނޭވެ! ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވައިފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ! އެ ކުދީންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ." އެހެންކަމުން އުންމަތުގެ ކުޑަކުދީން، ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް މި އާޔަތުން ލާޒިމުކުރެއެވެ.
މާތް ﷲގެ އަޅުތަކުންނޭވެ! ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނެވެ. އަދި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންނެވެ. އެހެންކަމުން ޢާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާ ﷺ ގެ އިރުޝާދުތަކަށް ބޯލަނބާށެވެ! ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެކެވެ.
އިބުނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. [ޢުމަރުގެފާނު، އެކަލޭގެފާނުގެ ދަރިކަނބަލަކަށް عَاصيَةގެ ނަމުން ނަންދެއްވިއެވެ. ފަހެ ރަސޫލު ﷲ ﷺ އެ ނަން جَمِيلَة އަށް ބަދަލުކުރެއްވިއެވެ."[3] "عَاصِيَة"ގެ މާނައަކީ އުރެދުންތެރި އަންހެނާއެވެ. އަދި "جَمِيلَة"ގެ މާނައަކީ ރީތި އަންހެނާއެވެ. މުސްލިމުންނަށް ކިޔައިއުޅޭ ހެއު ރަނގަޅު ނަމެއް ދަރީންނަށް ކިޔައި، އެ ކުދީންގެ އިސްލާމީ ޝަޚުޞިއްޔަތު ބިނާކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ލޮބުވެތި މުސްލިމުންނޭވެ! އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. (يَا عِبَادِيْ! إِنِـّيْ حَرَّمْتُ الظُّلْمَ عَلَى نَفْسِيْ، وَجَعَلْتُهُ بَيْنَكُمْ مُـحَرَّمًا فَلَا تَظَالَمُوْا)[4] މާނައީ: "އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ތިމަންރަސްކަލާނގެ ޒާތުފުޅަށް އަނިޔާވެރިވެވޮޑިގަތުން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައި ލައްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ!"
ލޮބުވެތި ބެލެނިވެރީންނޭވެ! ތަރުބިޔަތުގައި ޢިލްމާއި އަޚުލާޤު މުހިންމުވާފަދައިން ރޫޙާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑެވެ. ރޫޙާނިއްޔަތުގެ އަސާސަކީ ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެއާ އޮންނަ މަތިވެރި ގުޅުމެވެ. ތަރުބިއްޔަތުކުރުމުގައި އެ ގުޅުން ވަރުގަދަކުރުމަށް ބާރުއަޅުއްވަމުން މާތް ނަބިއްޔާ ﷺ ހަދީޘް ކުރައްވައިފައި ވެއެވެ. (مُرُوْا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِيْنَ، وَاضْرِبُوْهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ)[5] މާނައީ:
"ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުވުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައި އަދަބުދޭށެވެ!"
މުސްލިމް އަޚުންނޭވެ! މި ހަދީޘްފުޅުން ދޭހަވަނީ، ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް ދަރީން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ވާޖިބެއްކަމެވެ. އަދި އެ ކަމަށް ޓަކައި އަދަބުދޭންޖޭހޭ ޙާލަތްތަކުގައި އަދަބުދީގެން ވެސް އެ ކަންކަންކުރުވާން ވާނޭކަމެވެ.
ހައްދަވައި ބޮޑުކުރެވި ރަސްކަލާކޮ! މި އުންމަތުގެ މުސްތަޤުބަލުކަމުގައިވާ ކުޑަކުދީން ރައްކާތެރިކުރައްވައި، މި އުންމަތުގެ ކުރިމަގު އުޖާލާކުރައްވާނދޭވެ! އަޅަމެންގެ ދަރީން އިސްލާމްދީނުގެ އަސާސުގެ މަތީ ހެޔޮ ގޮތުގައި ތަރުބިޔަތުކުރުމުގެ ތައުފީޤުދެއްވާނދޭވެ! އެ ކުދީންނަކީ އަޅަމެންގެ ލޮލުގެ ފިނިކަންކަމުގައިލައްވާނދޭވެ!
މުސްލިމް އަޚުންނޭވެ! ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެކެވެ. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެކެވެ. އެ ކުދީންގެ ކަރާމާތް އަންގަވައިދެއްވަމުން، ރަޙްމާނުވަންތަ ﷲ، ކީރިތި ޤުރްއާނުގައި ޞާލިޙު އަޅުތަކުންގެ ދުޢާ ބަޔާންކުރައްވައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެބައިމީހުންނީ، މި ފަދައިން ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوىވެރީންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيْرَنَا)[7] މާނައީ: "އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ." ނަމަވެސް ހިތާމަޔަކީ ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަމެވެ. މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހައިމެ ހިތްދަތިވާ ކަމެކެވެ. ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި، މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ގޮވައިލަމެވެ.