ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ނަމާދާއި ރިޒްޤާ ދެމެދު ގުޅުއްވާފައިވުމުން، ނަމާދު ޤާއިމުކުރުމަކީ ރިޒްޤު ލިބުމުގެ ސަބަބެއްކަން އަޅުގަނޑުމެންންށް އެނގިގެންދެއެވެ. ސަލަފުންގެ ބައެއް ބޭކަލުން، އޭގެ ތެރޭގައި ބަކްރު އިބްނު ޢަބްދިﷲ އަލްމުޒްނީ ފަދަ ބޭކަލުން، އެބޭކަލުންގެ އަހުލުވެރިންނަށް ތަދުމަޑުކަމެއް ނުވަތަ ބޮޑު ބޭނުމެއް ޖެހިއްޖެނަމަ، ނަމާދުކުރުމަށް އަމުރުކުރައްވައެވެ.
އެއީ ޠާހާ ސޫރަތުގެ 132 ވަނަ އާޔަތުގެ ސަބަބުންނެވެ.
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ﴿١٣٢﴾
މާނައީ: "އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ. (132)"
އަބޫ ޙަފްޞް އިބްނު އަލްޢުކްބަރީ ވިދާޅުވިއެވެ. އަދި އިބްނު އަލްޤައްޔިމް ވިދާޅުވިއެވެ. މި ދަލީލު ޙުޛައިފަތު އިބްނު އަލްޔަމާން (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ޙުޛައިފަތު އިބްނު އަލްޔަމާންގެ އަހުލުވެރިއަކަށް ބޮޑު ކަމެއް ނުވަތަ ބޭނުމެއް ޖެހިއްޖެނަމަ، ނަމާދުކުރުމަށް އަމުރުކުރައްވައެވެ. އަދި ވިދާޅުވެއެވެ: "ގިނައިން ސަޖިދަކޮށްގެން އަހަރެންނަށް އެހީތެރިވެދޭށެވެ."
މީގެ މާނައަކީ، ގިނައިން ސަޖިދަކުރުމާއި، ﷲ ތަޢާލާއަށް ނަމާދުކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ރިޒްޤު ހޯދުމަށް އޮތް ވަސީލަތެކެވެ.
އަދި ދުނިޔޭގެ ރިޒްޤަށް ބަލާއިރު، މީގެ ބައެއް އަސަރުތައް އަހަރެން މިވަނީ ކިޔައިދީފައެވެ. އެކަމުގެ ތަޖުރިބާތަކަށް ބަލާއިރު، ކުރީ ޒަމާނުގައާއި ފަހުގެ ޒަމާނުގައިވެސް އެފަދަ ކަންކަން ވަރަށް ގިނައެވެ. ދުނިޔޭގެ ދަތިކަމާއި ތަކުލީފުތަކުގެ ސަބަބުން ވަރުބަލިވެފައިވާ އެތައް މީހަކު އުޅުނެވެ. އަދި އެމީހުންގެ ލޮލަށް މުޅި ދުނިޔެ ކަށިގަނޑެއްގެ ތުޅިއަށްވުރެ ކުޑަވެ، ދަތިވެގެންދިޔައެވެ. ނަމަވެސް އެމީހާ ނަމާދުކުރަން ފަށައި، ﷲ ތަޢާލާއަށް ނަމާދުކޮށް، އެކަލާނގެ ކަލާމްފުޅު ތިލާވަތްކޮށް، ސަޖިދައިގައި އިނދެ އެކަލާނގެ ޙަޟްރަތަށް ދަންނަވައި، ހިތުގެ ހިތާމަތައް ބޭރުކުރުމުން އެކަލާނގެ އެމީހާއަށް ހިތްހަމަޖެހުން ދެއްވަވައެވެ. ދުނިޔޭގެ ކަންކަމުން ވަރުބަލިވެފައިވާ އެތައް މީހަކު ނަމާދަށް އައުމުން، ﷲ ތަޢާލާ އެމީހަކަށް ބަންދުވެފައިވާ ދޮރުތައް ހުޅުވައިދެއްވައި، ހީވެސް ނުކުރާފަދަ ގޮތްގޮތުން ރިޒްޤު ދެއްވާފައިވަނީ ކިތައް ކިތައް މީހުންނަށް ހެއްޔެވެ!
- ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރުގެ ދަރުސަކުން
- މިއަދުނޫސް