ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކުގެ ސަބަބުން ކައުންސިލްތަކަށް ގެއްލުންވާނެކަމަށް ބުނާއިރު، އެކަމަށް އެއްވެސް ކައުންސިލަކަށް އަދި އެހެން ފަރާތަކަށްވެސް މާނަވީ ޙުއްޖަތެއް ދެއްކިފައި ނުވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ދާދިފަހުން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާޙުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އިސްލާޙުތަކާ ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ނިމާލް ވިދާޅުވީ، ޤާނޫނީ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ އެއްވެސް ކަމެއް ކުރެވިފައިވާތަން ފެންނަން ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި މި އިސްލާޙުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ފައިދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެ ކައުންސިލްތަކުން އެހެން ބުނަނީ ކީއްވެކަމެއް ނޭނގޭ. އަޅުގަނޑަކަށް ނުފެނޭ ކައުންސިލް ހުއްޓުވާކަށް ނޫނީ ދޮރު ބަންދުކުރާކަށް ވެފައި އޮތްތަނެއް. ވަރަށް ބޮޑެތި ފަސޭހަތަކެއް ރައްޔިތުންނަށް އަންނަމުންދާކަމަށް އަޅުގަނޑަށް ފެންނަނީ،" އެލްޖީއޭގެ ސީއީއޯ ވިދާޅުވިއެވެ.
މީގެއިތުރުން ނިމާލް ވިދާޅުވީ، އެލްޖީއޭގެ މައިގަނޑު ދައުރަކީ ކައުންސިލްތައް ހިންގަނީ ޤަވާޢިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ކަމަށާއި، އެ ޒިންމާ އެ އޮތޯރިޓީން އެންމެ ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމަށެވެ.