ރާއްޖޭގައި އެންމެ ބާރަށް ހިނގި ޚަބަރަކީ ޑޮލަރު މާހިރު ޑޮލަރާއިބެހޭ ގޮތުން ވިދާޅުވި ވާހަކަތަކުގެ ތެރެއިން ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެންވެސް ޑޮލަރުގެ ކަންކަން ހަމައަކަށް އަޅުވައި ޤަވާޢިދަށް ފައްތާނެ ވާހަކައެވެ. ނަމަވެސް ވެރިކަމުން އިސްތިޢުފާދެއްވިއިރުވެސް ކުރެއްވުނު ކަމެއް އޮތީ ނުފެނިފައެވެ.
ޑޮލަރުގެ އަގު އުފުލެމުން ދިއުމުގެ ކަންކަން ހަމައަކަށް އަޅުވަން މިސަރުކާރުން ފެށި މަސައްކަތާއިއެކު ނަތީޖާ މިހާރުވެސް ފެންނަން ފަށައިފިއެވެ. ޔޫއެސް ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޑޮލަރު)ގެ މައްސަލަތަކެއް ވަނީ ފެންމަތިކުރެވިފައެވެ. 6 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެއިގެ އިތުރުންވެސް އެތައް މައްސަލަތަކެއް މިހާރުވެސްވަނީ ފެންމަތިކުރުވިފައެވެ. ވަގުން އަންނަނީ ފިލަން މަސައްކަތްކުރަމުންނެވެ.
އެކަމުން އެނގެނީ މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތުން ނަތީޖާ ފެންނާނެކަމާއި ޤައުމުގެ އިޤްޠިޞޯދަށް ފައިދާކުރާނެ މަގުތަކެއް ފެނިގެންދާނެ ކަމެވެ. އިން ޝާ ﷲ
ޤައުމުގެ އިޤްޠިޞޯދުގައި ދައުކުރާ ޑޮލަރުގެ ނިޞްބަތް މަތިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފެށްޓެވި މަސައްކަތްޕުޅުތަކަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމެވެ. ވަގަށް ހިންގާ ކަންކަން އަތުލައިގަނެވޭނީ ވަގުންނަށް އެއްބާރުލުން ނުދީ ފުލުހުންނަށް އެއްބާރުލުންދީގެންނެވެ. އަދި ރައްޔިތުން ފޯރުކޮށްދޭ މަޢުލޫމާތަށް ފުލުހުން ޙަރަކާތްތެރިވެގެންނެވެ.
ތިމާމެންނާއިހުރެ ބޮއްސުންލައިގެން ގޮސްފައިވާ ކަންކަން ހަމައަކަށް އަޅުވާނެ ގޮތް ތިމާމެން ކިޔައިދިނުންފަދަ ކަންކަމަށް ބޭނުންކުރެވޭ މިޘާލުބަސްތަކެއްވެސް ހުރެއެވެ. ކިޔައި އުޅޭ ވާހަކަތަކެއްވެސް ހުރެއެވެ. ސަންތިމަރިޔަމާ ދަތްގޯނީގެ ވާހަކައަކީވެސް އެފަދަ ވާހަކައެކެވެ. ވާނީ ހަމަ އަނގަ ގަދަ މިތުރަށްވީ ގޮތެވެ. ވަމުން މިދަނީ ހަމައެގޮތެވެ.
ޔަޤީންކަމަކީ ފެންނަމުން އަންނަ ނަތީޖާއަށް ބަލައިގެން، ޤައުމީ ވިސްނުމަކުން ވިސްނާނަމަ މިސަރުކާރުން ނެރެ ރައްޔިތުންނަށް ދައްކަމުން ގެންދާ ނަތީޖާ ރައްޔިތުން ބަލައިގަންނާނެ ކަމެވެ. ޅޮސް އުނދޯލީގައި ތިބެން ބޭނުންނުވާނެ ކަމެވެ.