މި ދަނޑިވަޅުގައި ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން އަންނަނީ ވެރިކަން ކުރާ ޕާޓީއާއި ރައްޔިތުންނާ ދެމެދަށް ވަދެގަނެ ތަން ފަސާދަކުރަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މެންބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ރޭ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ފޯރިގަދަ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، 77،000 މެންބަރުންނާއެކު މިއަދު ޕީއެންސީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ސާބިތުކަމާއެކު އޮތީ ޕާޓީގައި ވެރިކަން ކުރައްވާ ވެރިންނާއި ލީޑާޝިޕްގައި ތިއްބެވީ ރައްޔިތުންނާއެކު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާ ބޭފުޅުންނަށް ވާތީއެވެ. ނަމަވެސް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތްކުރަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ކަނޑުވާލައި، ފަސާދަ އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ސީދާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން، ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލު ހޯއްދަވައިދެއްވުމަށް ކަމަށެވެ.
"ހަގީގީ މާނައިގައި ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އަންނަ ރައީސުންގެ ވެރިކަންތައް މި ފެނިގެންދަނީ، ރައްޔިތުން ގަބޫލުފުޅުކުރައްވާ، މިއީ ހަގީގީ ވިޝަނަރީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަންކޮށް ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްޓަކައި މަސައްކަތްކުރައްވާ ލީޑަރުންނަކީ މިއީ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޕީއެންސީގެ އިސް ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ.