ފުނޑާލާފައި އޮތް އިޤްތިޞާދު ކޮޅަށް ޖެއްސެވުމުގައި ރައީސަށް އެއްބާރުލުން ދޭންޖެހޭ: ޝުޖާއު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފުނޑާލާފައި އޮތް އިޤްތިޞާދު ކޮޅަށް ޖެއްސެވުމުގައި ރައީސަށް އެއްބާރުލުން ދޭންޖެހޭ: ޝުޖާއު

ކުރީ ސަރުކާރުން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި ޖަގަހައިގައި ރޭ ބޭއްވި ފޯރިގަދަ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ އަދި މާލީ އިޞްލާޙީ ސިޔާސަތުތަކުގެ ސަބަބުން، 23 ރުފިޔާއަށް އަރައިގެން ގޮސްފައިވާ ޑޮލަރުގެ އަގު މިހާރު ދަށަށްދާން ފަށާފައިވާ ކަމަށާއި، ވެއްޓިފައި އޮތް އިޤްތިޞާދު އަންނަނީ ހަލުވިކަމާއެކު އަލުން ކޮޅަށް ޖެހެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާގެ އިތުރުން އިޖުތިމާޢީ އަދި ޤައުމީ ގިނަ މައްސަލަތަކަކަށް މި ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯއްދަވައިދެއްވާފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން، މަސައްކަތްތެރިންނާއި، މަސްވެރިންނާއި އަދި ދަނޑުވެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ، ރާއްޖޭގެ މަގުތަކަކީ އަމާން ތަނަކަށް ހަދައިދީފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޤައުމީ ސަލާމަތަށާއި އިޤްތިޞާދަށް ބޮޑު ނުރައްކަލަކަށް ވެފައި އޮތް ބިދޭސީންގެ ޤަވާޢިދާ ޚިލާފު ވަގު ވިޔަފާރިތަކުގެ މައްސަލައަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެދެވޭ ހައްލެއް ހޯދައިދެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ގޮތުން ކުރިއަށް އޮތް ތަނުގައި ކުރަންހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒު ޤައުމަށްޓަކައި ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގައި ސާބިތުވެ ތިބެންޖެހޭ ކަމަށެވެ. އަދި ޕީއެންސީގެ އެތެރޭގެ އޮނިގަނޑު މިހާރަށްވުރެ ވަރުގަދަކޮށް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން