އެއްވެސް މީހަކަށް ރަޙުމް ނުކުރާނެ މީހުން ދެނެގަންނަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެއްވެސް މީހަކަށް ރަޙުމް ނުކުރާނެ މީހުން ދެނެގަންނަން ބޭނުންތަ؟

ދިރިއުޅުމުގައި ގިނަ މީހުންނަށް ދެރަގޮތް މެދުވެރިވަނީ ގުޅިގެން އުޅެވޭ މީހުން ދެނެ ނުގަނެވޭތީއެވެ. ވީމާ މިބަޔާންކުރަނީ އެންމެ ނުރައްކާތެރި މީހުންގެ ވާހަކައެވެ. އެންމެ ގެއްލުން ބޮޑު ސިފައެވެ.  

މިބުނާބަސްކޮޅު ރަނގަޅަށް އަޑުއަހާށެވެ! ތިބާ ގުޅިގެން ތިއައުޅޭ މީހާއަށް ﷲ ތަޢާލާގެ ނަންފުޅު އަޑުއިވުމުން އޭނާގެ ހިތަށް ބިރުވެރިކަން ނުވަންނަމަ އަވަހަށް އެމީހަކާއި ވަކިވާށެވެ! ސަބަބަކީ ﷲ ތަޢާލާގެ ނަންފުޅު އަޑުއިވުމުން އެމީހެއްގެ ހިތަށް ބިރުވެރިކަން ނުވަންނަ މީހެއްގެ ހިތަކީ ހިލަހިތެކެވެ. އެހިތުގައި އެއްވެސް މީހަކަށް ރަޙުމެއް ކުލުނެއް ނުވާނެއެވެ. 

އެއީ ޙަޔާތުގެ ބައިވެރިޔާ ނަމަވެސް އެމީހަކާއި ވަކިވާށެވެ! އަދި ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އެމީހަކާއިވެސް ވަކިވާށެވެ. މާނައަކީ މީހާގެ ހައިސިއްޔަތަށް ނުބަލައި އަވަހަށް އެމީހަކާއި ވަކިވާށެވެ! އެފަދަ މީހުންނާއިއެކު އުޅެން މަސައްކަތްކުރުމުން ލިބޭނީ އަނިޔާއެވެ. ލިބޭނީ ހިތްދަތިކަމެވެ.  

މިޘާލަކަށް ބުނާނަމަ މީހަކު ނުރަނގަޅު ކަމެއް ކުރަން އުޅެނިކޮށް ފެނުމުން "ﷲ ތަޢާލާއަށްޓަކައި ތިއަކަންތައް ނުކުރާށެވެ!" ބުނުމުން ހިތަށް ބިރުވެރިކަންވަދެ އެކަމެއް ކުރުން ހުއްޓައިނުލިނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާމީހެއް ނޫނެވެ. ހަމައެފަދައިން މީހެއްގެ ކިބައިން ނުބައި ސިފައެއް ފެނުމުން އެކަން ފާހަގަކޮށްދީ "ﷲ ތަޢާލާއަށްޓަކައި އެސިފަ ބަދަލުކުރަން" ބުނުމުން އެކަމަށް ސަމާލުކަން ނުދޭނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކަށްނުވާނެއެވެ.  

ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކު އެއްވެސް މީހަކަށް ޖެހިލުމެއް ނުވާނެއެވެ. ކުރަންޖެހިލުންވާނެ އަނިޔާއެއްވެސް ނުއޮންނާނެއެވެ. ދޭން ފަސްޖެހޭނެ ދެރައެއްވެސް ނުއޮންނާނެއެވެ. ވީމާ އަހުރެމެންނަށް އޮތީ އެފަދަ މީހުންނާއި ގުޅިގެން ނުއުޅުމެވެ. ކޮންމެ މީހަކުދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. ރުޅިވާންވީވެސް ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން