އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕްގެ 13 ވަނަ ބުރަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕްގެ 13 ވަނަ ބުރަށް ފުރުޞަތު ހުޅުވާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރިއަށްގެންދާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 13 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ ޑޮކްޓަރީ ކޯސް (އެމްބީބީއެސް) ފުރިހަމަކުރުމަށްފަހު، ޞިއްޙީ ދާއިރާގައި ރަސްމީކޮށް ޚިދުމަތްކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ އަމަލީ ތަމްރީނު ޕްރޮގްރާމެކެވެ. އައިޖީއެމްއެޗްއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފަހަރުގެ ބުރުގައި ޖުމްލަ 24 ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިންޓަރންޝިޕްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެންބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:

- ޤަބޫލުކުރެވޭ މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުން.

- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން.

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކު ކަމުގައިވުން ހިމެނެއެވެ.

މީގެއިތުރުން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ (އެޓެސްޓްކޮށްފައިވާ) ކޮޕީ ހިމެނެއެވެ. އަދި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓް ކޮޕީގެ އިތުރުން ކަނޑައެޅިފައިވާ އަސާސީ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓް (www.igmh.gov.mv) މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނޭޝަނަލް ހެލްތު އެކެޑަމީ (އެންއެޗްއޭ) ގެ އޮފީހުން ވެސް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން