ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކޮށްފި

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް އެ ކުންފުނިން ޤާއިމުކޮށްފިއެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ޢާންމުންނަށްވެސް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް އެތެރެކުރުމަށްޓަކައި މިހާތަނަށް ތިން ކުންފުންޏަކާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި އެއް އަހަރު ދުވަހަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބޭސް ރައްކާކުރާނެ ސްޓޯރޭޖްތަކާއި ހޮސްޕިޓަލްތަކުގައި ފާމަސީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އަންނަ އަހަރުގެ މެދުތެރޭގައި ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ވަކި ފާމަސީއަކުން ބޭސް ނުލިބޭ ހާލަތްތަކުގައި އެހެން ފާމަސީތަކުން ބޭސް ލިބޭނެ ގޮތް ބަލައިދިނުމަށާއި، ބޭހާ ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެއްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

މިއަދު އޮންލައިން