އިންސާނުން ބޭނުންކުރާ ފޮސިލް ފިއުލްގެ ސަބަބުން ދުނިޔެ ހޫނުވާ މިންވަރު އިތުރުވެ، އެލްނީނޯ ފަދަ މޫސުމީ ކާރިސާތަކުގެ ބާރު އިތުރަށް ގަދަވަމުންދާކަމަށް ވޯލްޑް މީޓިއޮރޮލިޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ފާހަގަކޮށްފިއެވެ.
ޑަބްލިއުއެމްއޯއިން ހާމަކުރި ގޮތުގައި، މިހާރު ފުރިހަމައަށް ގާއިމުވެފައިވާ އެލްނީނޯގެ ނުރައްކާ އަހަރުގެ ފަހުކޮޅު އެންމެ މަތީ މިންވަރަށް ދާނެއެވެ. އަދި މީގެ ނޭދެވޭ އަސަރުތައް ކުރިއަށްއޮތް ފެބްރުއަރީ މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭއިރު، މީގެ ސަބަބުން ފެންބޮޑުވުމާއި އާދަޔާޚިލާފަށް ހޫނުގަދަވުން ފަދަ ނުރައްކާތެރި މޫސުމީ ހާދިސާތައް މުޅި ދުނިޔޭގައިވެސް ކުރިމަތިވުން އެކަށީގެންވެއެވެ.
ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ކުރާނީ ނޮވެމްބަރު މަހުއެވެ. ނަމަވެސް ފެބްރުއަރީއާ ހަމައަށް މި ހާލަތު ދިގުލައިގެންދާނެތީ، ރާއްޖެއަށްވެސް މީގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހޭނެއެވެ.
އެގޮތުން މި ދުވަސްވަރު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވެ، އާންމުކޮށް ހުންނަވަރަށްވުރެ ހޫނުމިން މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށްވެސް މީގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.