ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް އާންމުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާޚާނާ ކުރުމަށްފަހު ރަނގަޅަށް އަތް ސާފުކުރުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ބޭނުންކުރާ ފާޚާނާތައް ރަނގަޅަށް ސެނިޓައިޒްކޮށް ސާފުތާހިރުކޮށް ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ބޭރަށް ހިންގާނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓް، ފެން އަދި ސޫޕު ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި ބޭރަށް ހިންގުމާއެކު ނުރައްކާތެރި ބައެއް އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. ޑޮކްޓަރަށް ދައްކަންޖެހޭ މުހިންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ: - ގިނަގިނައިން ހޮޑުލެވުން - މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން - ބޮލަށް އެނބުރުން އެރުން - އާދަޔާ ޚިލާފަށް ކަރުހިއްކުން - އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން - ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން - ކުޑަކަމުދެވޭ މިންވަރު މަދުވުން

މީގެއިތުރުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ބަލީގެ އަލާމާތްތައް ފެންނަ ކުދިން އަލާމާތްތައް މުޅިން ކެނޑޭތާ 24 ގަޑިއިރު (1 ދުވަސް) ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް މި މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން