އެއީވެސް ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. ބަލިވެ އިނދެ ބަނޑަށް 8 މަހުގައި ގެއަށް ބަދަލުވީ ޅީދަރިފުޅަށް އެހީތެރިވުމުގެ ނަމުގައެވެ. ނަމަވެސް ފުރަތަމަ ދުވަހުންފެށިގެންވެސް ޅީދަރިފުޅުގެ ހިތުގައި ޖެއްސުވުމާއި ބުރަކޮށް މަސައްކަތްކުރުވުން ނޫން ކަމެއް ނުކުރެއެވެ.
ފިރިމީހާއަކީ އަމިއްލަ މަސައްކަތްކުރާ މީހެކެވެ. މަންމައާއި ދެބަސްނުވާންވެގެން މަސައްކަތުދަމުން ދަނީ އަނބިމީހާ ގޮވައިގެންނެވެ. އޮފީހުގައި ބައިންދައިގެން ހިތްހަމަޖައްސައިދީ އަރާމުކުރުވުމަށެވެ. އެކަންވެސް މަންމައަށް ކަމަކު ނުދިއައެވެ.
އެއްދުވަހަކު ހަވީރު ދެމަފިރިން އެކުގައި ގެއަށްއައިތަނުން އެއްޗެތި ގޮވަންފެށިއެވެ. "ބަލިވެއިނުމަކީ ބައްޔެއް ނޫނެވެ. އަހުރެންވެސް 5 ދަރިން ވިހެއީމެވެ. ވިހަން އެނދަށް އަރަންޖެހެންދެން މަސައްކަތްކުރަމެވެ. ކޮންމެ ދުވަހަކު ފިރިމީހާއާއިއެކު ނުކުމެގެން ތިއަދަނީ އަހުރެންނަށް އެއްވެސް ކަމެއް ކޮށްނުދޭތަނުގައި ކައްކައިލަވެސް ނުދޭންވެގެންނެވެ. ހުރި ނުބައިކަން ނިކަންދެކި ބަލާށެވެ!
އެހިސާބުން ދަރިފުޅު އެދުނީ ދެމަފިރިންގެ އެއްވެސް ކަމަކާއި ނުބެހި ނުއިނދެވޭނެނަމަ އެނބުރި ގެއަށް ދިއުމަށެވެ. މަންމަމެންނަށް ބޭނުންވާ ހުރިހާ ޚަރަދެއް މިހާރުވެސް ކުރާ ފަދައިން އެކަންކުރާނެކަމަށެވެ. މަންމައަކަށް ޙަޖަމެއް ނުކުރެވުނެވެ. ދަރިފުޅާއި ސުވާލުކުރިއެވެ. "ކަލޭގެ އަނބިމިހާއަށް މަސައްކަތް ނުކުރެވެނީ ބަނޑުގަ ކަލާނގެ އޮތުމުން ހެއްޔެވެ؟"
އިތުރަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. ދޫ ޙަރަކާތެއް ނުކުރިއެވެ. ލެއްވެނީ މަްނަމނުންނަށް ލެއްވޭޒާތުގެ އަޑެކެވެ. ހުރިހާ ހޮސްޕިޓަލަކުން ފަރުވާ ހޯދިއެވެ. އެނގޭ އެންމެނެ ލައްވައި ރުޤްޔާ ކުރިއެވެ. ނުކުތް އެއްވެސް ނަތީއެއް ނެތެވެ. އެއިގެ 20 އަހަރުފަހުން ނިޔާވީވެސް ހަމައެޙާލުގައެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ޙަޤީޤަތް އެކުލެވޭ މިންވަރަށް ބަހެއް ބުނާކަށް ނެތީމެވެ. ނަމަވެސް މިޒާތުގެ ކިތަންމެ ކަމެއް ހިނގައެވެ. އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. އެމަންމަގެ ކުށަށްބަލާއިރު އެބުނެވުނު ބަހަކީ މުސްލިމަކު ބުނެގެންވާނެ ބަހެއް ނޫނެވެ. އަދި މާބަނޑު އަންހެނަކާއިމެދު ކަންތައް އެކުރީ އެންމެ އަނިޔާވެރި ގޮތުގައެވެ. އަމިއްލަ ގެދޮރު ހުއްޓައި ދަރިފުޅުގެ ގެއަށް އައިސް ދެމަފިރިންގެ ގުޅުމަށް ހުރަސްއެޅުމަކީ ކުރަންހެޔޮވާނެ ކަމެއް ނޫނެވެ. އަދި ދެމަފިރިން ދިރިއުޅެނީ މަްނމަގެ ގޭގައިނަމަވެސް އެގޮތަށް ކަންތައްކުރަން ހެޔޮނުވާނެއެވެ.
ދަރިންނަށް ޚާއްޞަކޮށް މާބަނޑުއިރު ނުބައިކޮށް ކަންކަން ކުރުމަކީ ﷲ އަށް ބިރުވެތިވާ މީހަކު ކުރާނެ ކަމެއް ނޫނެވެ. ޅީދަރިފުޅުކަމަށްވުމަކީ އިތުރަށް ލޯތްބާއި އަޅައިލުން ދޭންޖެހޭނެ ކަމެކެވެ.
- ސަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ