ދަރިންނަށް ހެޔޮއެދޭނަމަ ދަރިފުޅުގެ ނުރުހުމުގަ ކައިވެނިނުކުރުވާށެވެ! އެކަން ވާނީ ދަރިފުޅުގެ ޢުމުރަށް ދެވޭ ބޮޑު އަނިޔާއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދަރިންނަށް ހެޔޮއެދޭނަމަ ދަރިފުޅުގެ ނުރުހުމުގަ ކައިވެނިނުކުރުވާށެވެ! އެކަން ވާނީ ދަރިފުޅުގެ ޢުމުރަށް ދެވޭ ބޮޑު އަނިޔާއަކަށް!

"އަޅުގަނޑު ގެންގުޅެ ބޮޑުކުރީ މައިންބަފައިންކަމަށްވީތީ އަޅުގަނޑު ނުރުހޭ މީހަކާ ކައިވެނިކުރަން މަޖުބޫރުކުރެވިދާނެތޯ؟"  

މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ދަރިންނަށް ހެޔޮލަފާ ތަޤްވާވެރިއަކު ހޯދައިދިނުމަކީ މައިންމަފައިންގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް ދަރިން ނުރުހޭ މީހަކާއި ގަދަކަމުން ކައިވެނިކުރުވުމެއް ނެތެވެ.  

ވިސްނާލުން މުހިންމު ބައެއް ކަންކަން: 

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ކައިވެނިކުރަންވާނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެއްވެސް ފަރާތެއްގެ މަޖުބޫރުން ކައިވެނިކުރުމެއް ނެތެވެ. ކައިވެނިކުރަން މައިން ބަފައިން ދައްކާ މީހާއަކީ ތިމާ ނުރުހޭ މީހެއް ނަމަ ކައިވެންޏަށް ދެކޮޅު ހެދުމުގެ ޙައްޤު ކޮންމެ އަންހެނަކަށްވެސް ލިބިގެންވެއެވެ.  

ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގެންނެވި ޖުލައިބީބްގެ ކައިވެންޏަށް އެދިވަޑައިގެން ރަސޫލް (ﷺ) މައިންބަފައިންނަށް ހުށަހެޅުއްވެވުމުން އަންހެންކުއްޖާގެ މަންމަ އާއި ބައްޕަ  އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ދެމަފިރިންގެ ދަރިފުޅު ކައިވެނިކުރައްވަން ބޭނުންފުޅުވުމުން ކައިވެނި ކުރެވުނެވެ. ދަރިފުޅު ބޭނުންވުމުން މައިންބަފައިން އެކައިވެނި ކޮށްދިނެވެ.

މިކަމުންވެސް އެނގިގެންދަނީ ހެޔޮލަފާ، ތަޤްވާވެރި ފިރިހެނަކާއި ކައިވެނިކުރަން އަންހެނަކު ބޭނުންވެއްޖެ ނަމަ އެކަމަށް ހުރަސްއެޅުމުގެ ޙައްޤު މައިންބަފައިންނަށް ނެތް ކަމެވެ. ތަކުރާރުކޮށްލާނަމެވެ. ހެޔޮލަފާ ތަޤްވާވެރި ފިރިހެނަކު އެދުމުންނެވެ.  

ހަމައެއާއިއެކު ވަކިމީހަކާއި ކައިވެނިކުރަން ދަރިންނަށް މަޖުބޫރުނުކުރުވާށެވެ! މައިންބަފައިންނަށް ފެންނަ ރަނގަޅުގޮތް ބުނެދޭށެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިފައިވާނަމަ މައިންބަފައިންގެ ބަސް ޤަބޫލުކުރާނެއެވެ.  

ވިސްނަން ޖެހޭނެ ކަމަކީ ކައިވެނިކޮށްގެން އެމީހަކާއިއެކު ދިރިއުޅެންޖެހޭނީ ދަރިފުޅަށް ކަމެވެ. އެކުއްޖަކު ނުރުހޭ މީހަކާއިއެކު ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. މައިންބަފައިން ވާންޖެހޭނީ ދަރިންނަށް މަގުދައްކައިދޭ ބައަކަށެވެ. މަގުބަންދުކުރާ ބައަކަށްނޫނެވެ.  

އަދިވެސް ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. މައިންބަފައިން ކައިވެނިކުރުވަން ބޭނުންވުމުން "އަދި ތައްޔާރު ނޫން" ކަމަށްވިދާޅުވި ޞަޙާބީ ކަމަނާއަށް އެކަމަނާ ބޭނުންފުޅުވި ފުރުޞަތު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވަވައިފައެވެ. 

މިފަދަ ކަންކަމުން އެނގިގެންދަނީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރި މަޤާމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން