2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫންކަމަށާ، ސަރުކާރުން ފަހިކޮށްދެވޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިފަދަ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިނގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިނގަމުންދާ ސަރުކާރެއްގެ ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފަށައި، އެ ދައުރުގެ ތެރޭގައި، އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުޞަތަކީ މީގެކުރިން ދެވުނު ފުރުޞަތެއް ނޫންކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމަ އެކަނި ފްލެޓްތަކެއް އިމާރާތްކޮށްގެން ނޫން ކަމަށާ، ލުއިފަސޭހަ ގޮތުގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް، ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ ސަރަޙައްދުގައި އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމާ ގުޅުންހުރި ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ އަދާހަމަވެސް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން