ކުރީގެ ސަރުކާރުން އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ހުށައަޅާފައިވާ ރިޕޯޓަކަށް މިސަރުކާރުން ޖަބާދުދާރީވެއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 6ސ
ކުރީގެ ސަރުކާރުން އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ހުށައަޅާފައިވާ ރިޕޯޓަކަށް މިސަރުކާރުން ޖަބާދުދާރީވެއްޖެ

“ކޮންވެންޝަން އެގެއިންސްޓް ޓޯރޗަރ އެންޑް އަދަރ ކްރޫއަލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" އާ އެއްގޮތަށް ޤައުމުތަކުން ޢަމަލުކުރަމުންދާ މިންވަރު ބަލާ އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ދިވެހި ސަރުކާރުން މިއަދު ހާޒިރުވެވަޑައިގެން އެކޮމިޓީއަށް ޖަވާބުދާރީވެވަޑައިގެންފިއެވެ.

މިކަމާގުޅގޮތުން އެކޮމިޓީގެ ބައްދަލުވުންތައް ހިނގަމުންދާނީ މިހިނގާ ނޮވެންބަރ މަހުގެ 27 އަދި 28 ގައެވެ.

ސަރުކާރުގެ ފަރާތުން މިކޮމިޓީއަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ހަރަކާތްތެރިވެ ވަޑައިގަންނަވާ 9 މެންބަރުން ހިމެނޭ ވަފްދުގެ އިސްވެރިޔަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމެވެ. އެމަނިކުފާނުގެ އިތުރުން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލްް ނަވީނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސޯސިއޭޓް ލީގަލް ކައުންސިލް އާމިނަތު ނަބީލާ އިބްރާހީމް ނަޞީރާއި، ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ ޢަލީ މަނިކާއި، ޖެނީވާގައި ހުންނަ އ.ދ. ގެ  އޮފީހުގެ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަންގެ ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ  ސީނިއަރ ލީގަލް އޮފިސަރ މުޙައްމަދު އަޞީލް ޙަސަނާއި، އެޓަރނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީ  ފައިނާ ފައްޔާޒާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް އޮފިސަރ ފާތިމަތު ޝިނާޒާއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ،  ދިވެހި ރައްޔިތުން އެމަނިކުފާނަށް ވޯޓުދެއްވާފައިވަނީ ރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރެވިގެންދާ ތަން ދުށުމަށްކަމަށާއި، މިއަދު ދިވެހިރާއްޖެއިން ދަތުރުފަށާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމްކޮށް، ގެއްލިފައިވާ ޙައްޤުތައް އަނބުރާ ހޯދުމަށްކަމުގައެވެ.

ދިވެހިސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޞާލިޙް ވިދާޅުވެފައިވަނީ، "އަނިޔާއާ ދެކޮޅަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ހަޤީގަތާއި ޚިލާފުވުންތަކެއް އުޅޭކަމަށާއި، ޚާއްޞަކޮށް މިކަން މި ވޭތުވެދިޔަ 5 އަހަރު ހިނގާފައިވަނީ މިގޮތަށްކަން ވަނީ ފާހަގަކުރެވިފައި. އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ދިވެހިރާއްޖޭގެ ޢަމަލުތަކާއި މިކަންކަމަށްދޭ އަހައްމިއްޔަތު ފެނި، ދިވެހިރާއްޖޭގައި އަނިޔާ ހުއްޓުވުމަށްޓަކައި އެބޭފުޅުން ދެއްވާ ލަފާފުޅުތަކަށް މި ސަރުކާރުން މަރުޙަބާ ކިޔާނަން."

މި ކޮމިޓީގެއަށް ދިވެހިރާއްޖޭގެ ވަފްދު ހާޒިރުވެވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ ނަޞީމް ވިދާޅުވެފައިވަނީ، "އަޅުގަނޑުމެން ވިސްނާލަންޖެހޭ، މި ކުރިމަތިލަނީ މިދިޔަ ސަރުކާރުން ހުށަހަޅާފައިވާ ރިޕޯޓަކަށް ޖަވާބުދާރީވާންކަން. އެހެންކަމުން މި ކޮމިޓީއަށް ޖަވާބުދާރީވާން ފަށާ ބަސްދީގަތުމުގައި އަޅުގަނޑުމެން ފާހަގަކުރާ ކަންތައްތަކުތެރޭގައި ކުރީ ސަރުކާރާއި މި ސަރުކާރާއި މި ކޮންވެންޝަނަށް އަމަލުކުރުމާއި ދޭތެރޭ ދެކޭގޮތް ތަފާތުކަން އަޅުގަނޑުމެން ފާހަގަކުރާނަން. ޚާއްޞަކޮށް މިސަރުކާރުން އެކިކަހަލަ އަނިޔާ ހުއްޓުވުމަށް އިސްކަންދޭމިންވަރު މި މަޝްވަރާތައް ފެށުމުގެ ކުރިން ރާއްޖޭގެ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރުމަށް ނިންމާފައިވާ ކަންތައްތަކުން އަޅުގަނޑުމެން ހާމަކުރާނަން."

އ.ދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އާއެކު ބޭއްވޭ މަޝްވަރާތަކަށް ދިވެހި ސަރުކާރުން ވަނީ މަރުޙަބާކިޔާފައެވެ.

މިއަދު އޮންލައިން