ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށް ގެންދާ، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ ]ކޭމްޕް ފަންވަރު[ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ.
މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވުނު މުހިންމު ހަރަކާތެކެވެ. މީގެއިތުރުން، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ އުކުޅުތައް ދަސްކޮށްދިނުމަށާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް މި ކޭމްޕުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ.
އެގޮތުން ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދިޔައެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވިއެވެ. މީގެއިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުމާއި، އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ ނަފްސު ތަރައްގީކުރުމަށް ވެސް މި ހަރަކާތްތަކުން ބާރުއެޅިގެންދިޔައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އިސްނަގައިގެން ކަންކަން ކުރުމުގެ ޤާބިލުކަމާއި، ލީޑަރޝިޕް ސިފަތަކުގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ބޭނުންވާނެ އެތައް އަސާސީ ހުނަރުތަކަކަށް ވަނީ އަމަލީ ގޮތުން އަހުލުވެރިކޮށްދީފައެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ގުނަމުންދަނީ މި ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 341 ދަރިވަރުން ތަމްރީނު ފުރިހަމަކުރަމުން އެބަދެއެވެ. މި ބެޗުގެ ދަރިވަރުން ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ދަސްވެނިވާނީ 2026 ސެޕްޓެންބަރު 19 ގައެވެ.
ހަބަރު: ސަރުކާރު