ސުވާލުކުރުމަށް ފުލުހުން ފޮނުވި ހާޒިރުވުމުގެ ޗިޓާ ހަވާލުވެވަޑައިގަތުމަށް ރައީސް ޔާމީން ދެކޮޅުހައްދަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސުވާލުކުރުމަށް ފުލުހުން ފޮނުވި ހާޒިރުވުމުގެ ޗިޓާ ހަވާލުވެވަޑައިގަތުމަށް ރައީސް ޔާމީން ދެކޮޅުހައްދަވައިފި

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދާ އިމާރާތުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން ފޮނުވި ހާޒިރުވުމުގެ ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 3 ވުޒާރާއެއްގައި އަލިފާން ރޯވީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ފުލުހުން ބުނީ އެ މަނިކުފާނު ދެއްކެވި މި ވާހަކަފުޅުތަކާ ގުޅިގެން ސުވާލުކުރުމަށް ފޮނުވި ހާޒިރުވުމުގެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އެ މަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަލިފާން ރޯވި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހަށް ހާޒިރުވުމުގެ ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވައި ރައީސް ޔާމީން ލިޔުމުން ޖަވާބުދެއްވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، އެ ހާދިސާއަކީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށާއި، މިހާތަނަށް ބެލިބެލުމުން ޖިނާއީ އެއްވެސް އަމަލެއް ނުވަތަ ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ނުފެތުރުމަށާއި، ކަންކަމުގެ ހަގީގަތް ހޯދުމަށް ކުރިއަށްގެންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން