ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ އެކިކަހަލަ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމުގެ އިތުރުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން، ހަށިގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުން (40°C ނުވަތަ އެއަށްވުރެ މަތިވުން)، ހަންގަނޑު ރަތްވެ އާދަޔާ ޚިލާފަށް ހޫނުވުން، އަދި ވިންދު ޖަހާ މިންވަރު އަވަސްވެ ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް 100 އަށް ގުޅައި ޞިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ހިޔާ ސަރަހައްދަކަށް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުމާއި، ބާރު އަންނައުނެއް ލައިގެން ހުރިނަމަ ހަށިގަނޑު ފިނިކުރުމަށް ދޫ އަންނައުނަކަށް ބަދަލުކުރުމާއި، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުމަކީ މުހިންމު ކަންކަމެވެ. ހަމައެއާއެކު، ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުމަށާއި، ނަމަވެސް ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އޮންލައިން