ފާފައެއް ނުވަތަ ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ މުސްލިމުން ބުނަންޖެހޭ ބަސް! މިނޫން ގޮތަކަށް ނުވެސް ވިސްނާށެވެ!: ޝައިޚް ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ފާފައެއް ނުވަތަ ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ މުސްލިމުން ބުނަންޖެހޭ ބަސް! މިނޫން ގޮތަކަށް ނުވެސް ވިސްނާށެވެ!: ޝައިޚް ބިލާލް އައްސަދު

ޢާއިޝަތު ރަފާޙް ޢަލީ

 

އެންމެ ފަހުން ތިމާގެ މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ މީހަކު ނުވަތަ ގާތް ރަހުމަތްތެރިއަކާ މައްސަލައެއް ޖެހި، ދެން އެކަން ޙައްލުވެ، އެމީހުން ތިބާއަށް މަޢާފުކުރި ވަގުތު ހަނދާން އެބަހުރިތޯއެވެ؟ ކޮނޑުމަތިން ބޮޑު ބުރައެއް ލުއިވެގެންދިޔަހެން ހީވި ނޫން ހެއްޔެވެ؟ ވަރަށް އުފާވެރި އިޙްސާސެއް ކުރެވުނު ނޫން ހެއްޔެވެ؟  

އާދަމްގެފާނު މާތް ﷲ މަނާކުރެއްވެވި ގަހުން ފަރިއްކުޅުއްވުމަށްފަހު ދަސްފުޅުވި، ފާފަފުއްސެވުމާއި ރަޙްމަތުގެ މި އިޙްސާސަކީ، އެކަލޭގެފާނު އެ ގަހުން ފަރިއްނުކުޅުއްވިނަމަ ދަސްނުވި ކަމެކެވެ. އަދި އޭގެ ސަބަބުން ދުޝްމަނާ (ޝައިޠާނާ) އަކީ ކާކުކަން އެނގިވަޑައިގެން، އަލުން އަނބުރާ ކޮޅަށް ތެދުވެވަޑައިގަތުމުގެ ހިތްވަރު ލިބިވަޑައިގަތެވެ. އަޅުގަނޑުމެން އެންމެންވެސް ކަންކަން ކުރަނީ އެގޮތަށެވެ. އަޅުގަނޑުމެން އެންމެންވެސް ވެއްޓެނީ ކަންކަން ދަސްކުރުމަށެވެ. 

އެހެންކަމުން އަޚުންނާއި އުޚުތުންނޭވެ! ﷲއަށް ތަވައްކުލް ކުރުމުގެ މާނައަކީ، ކޮންމެ ފަދަ ކަމެއް ދިމާވި ނަމަވެސް، އަބަދުވެސް ﷲއާ މެދު ހެޔޮކޮށް ހީކުރުމެވެ (ޙުސްނުއްޡައްން ބެހެއްޓުމެވެ). އަޅުގަނޑު ކުރިންވެސް ބުނި ފަދައިން، އިސްލާމްދީނުގައި މާޔޫސްވުމެއް (ނުވަތަ ނާއުންމީދުވުމެއް) ނެތެވެ. އަޅުގަނޑުމެން ވާންޖެހޭނީ މިފަދައިންނެވެ.

ވީމާ، ކޮންމެ ފަދަ ޙާލަތެއް ދިމާވި ނަމަވެސް އުންމީދު ކަނޑާނުލާށެވެ. އަދި ﷲ އަމުރުކުރައްވާފައިވާ މަގުން މަސައްކަތް ކުރާށެވެ. ތިމާގެ އެންމެ ފުރިހަމަ މަސައްކަތް ކުރާށެވެ. ދެން ނުކުންނަ ނަތީޖާއަކުން މާޔޫސްވެގެން "އަހަންނަށް އެހެން ހެދުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟" ނުވަތަ "މިހެން ކުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟" މިފަދައިން ނުބުނާށެވެ. ސަބަބަކީ އެއީ ޝައިޠާނާ ވަދެ، ވަސްވާސްދީ، ތިބާގެ ބަލިކަށިކަމުގެ ބޭނުން ހިފުމަށް މަގު ހުޅުވައިދޭ ކަމެކެވެ. 

އޭގެ ބަދަލުގައި ބުނާށެވެ: "قَدَّرَ اللهُ وَمَا شَاءَ فَعَلَ" (މިއީ ﷲ މިންވަރު ކުރެއްވި ގޮތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ކަމެއް ކުރައްވަވައިފިއެވެ). އަހަރެން އެކަމަށް ރުހެމެވެ. މި ދެރަގޮތަށް ފަހު ހެޔޮ ގޮތްތައް މެދުވެރިވާނެއެވެ. އަހަންނަށް އެކަން ޔަގީނެވެ. މިފަދަ ވިސްނުމެއް ގެންގުޅޭށެވެ، އަދި އޭގެ ފަހުން ވާގޮތް ދެކޭށެވެ!

 

- ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން