ކަންބޮޑުވާން އޮތް ހަމައެކަނި ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކަންބޮޑުވާން އޮތް ހަމައެކަނި ކަންތައް!

ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މަސައްކަތެއް ނުކުރެވެއެވެ. ނަމާދުކުރަންވެސް އުނދަގޫވެއެވެ. މީހާ ހުންނަނީ ހުއްޓުމަކަށް އައިސްފައެވެ. މިޙާލަތުން ސަލާމަތްވެގެން ހުރެވޭނެ ގޮތަކީ ކޮބައިތޯ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ވަގެއްގެ ވާހަކަ ދައްކާނަމަ ފުރަތަމަވެސް ހިތަށް އަރާނީ މުދަލުން ވައްކަންކުރަން އުޅޭ މީހަކުކަމަށެވެ. މުދަލުން ވައްކަންކުރާ ވަގުކަލޭގެއަށްވުރެ މާނުރައްކާތެރި، މާބޮޑުވަގެއްވެއެވެ. އެއީ ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަންކަން ހަލާކޮށްލާ މާބޮޑު ވަގެކެވެ.  

އޭނާ ތިބާގެ ވަގުތުތައް ވަގަށް ނަގާނެއެވެ. ވަޒީފާ ގެއްލުވައިލާނެއެވެ. ނިދިން މަޙްރޫމްކުރުވާނެއެވެ. ސިކުނޑީގެ ހަމަޖެހުން ނަގައިލާނެއެވެ. ހިތުގެ އުފާވެރިކަން ފޭރިގަންނާނެއެވެ. ގައިގައި ހުރި ހުރިހާ ހަކަތައެއް ދަމައިގަންނާނެއެވެ! މުޅި ދިރިއުޅުން ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓައިލާނެއެވެ! 

މިހުރިހާ ވައްކަމެއްވެސް ކުރާނީ ތިބާއަށް ހަމަ އަންގައިވެސް ނުލައެވެ. ރޭކައިވެސް ނުލާހައި ޙީޅަތްތެރިކަމާއިއެކުގައެވެ.  

މިބަޔާންކުރި ހުރިހާ ކަމެއް ކުރާ އެ ބޮޑު ވަގުކަލޭގެއަކީ ކާކުކަން އެއްވެސް ވަރަކަށް ވިސްނިއްޖެ ހެއްޔެވެ؟ އޭނާއަށް ކިޔާނީ "ކުރިމަތިވާ ކަންކަމަށް ކަންބޮޑުވުމެވެ!"

ވީމާ ހުރިހާ ކަންބޮޑުވުންތަކެއް ދޫކޮށްލައި މިނިވަންވާށެވެ! ކަންބޮޑުވާންވީ ކޮންކަމަކާހުރެހެއްޔެވެ؟ ﷲ ތަޢާލާ މިންވަރުނުކުރައްވަވާ އެއްވެސް ކަމެއް ތިބާއާއިވެސް އަދި އެހެން މީހަކާއިވެސް ކުރިމަތިނުވާނެއެވެ.  

ކަންބޮޑުވާންޖެހޭނީ އެންމެ ކަމަކަށެވެ. އެއީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރެވޭނަމަ އެކަމަށެވެ. ވީމާ ކުރިމަތިވާ ކަންކަމަށް ކަންބޮޑުވުމުގެ ބަދަލުގައި އަޅުކަމުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކޮށްލާށެވެ!  

އެއިރުން އެ ބޮޑު ވަގުކަލޭގެގެ ކިބައިން ﷲ ތަޢާލާ ތިބާ މިންޖު ކުރައްވަވާނެތެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވަވާނެތެވެ! އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން