ދެމަފިރިންގެ މެދުގައި ކުރިންޖެހިފައިވާ މައްސަލަތަކަށް ވިސްނާ މީހަކަށް މުސްތަޤްބަލަށް ވިސްނާނެ ވަޤުތެއް ނުލިބޭނެ! އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމެއްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދެމަފިރިންގެ މެދުގައި ކުރިންޖެހިފައިވާ މައްސަލަތަކަށް ވިސްނާ މީހަކަށް މުސްތަޤްބަލަށް ވިސްނާނެ ވަޤުތެއް ނުލިބޭނެ! އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމެއްގަ!

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން އެއީ މައްސަލަތައް ކަމަށް ދެކެގެން ލިސްޓުހަދައިގެން ކޮންމެ ދުވަހަކު އެލިސްޓްކިޔާ މީހުންނަށް އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. އެލިސްޓަށް ވިސްނަންވާނީ އެކުށްތައް ތަކުރާރުވާނަމަ އެކަންޏެވެ.  

ޒަވާޖީ ޙަޔާތުގައިވެސް އަދި ދިރިއުޅުމުގެ އެހެން ކަންކަމުގައިވެސް ކުރިއެރުމާ ކާމިޔާބީއަށް އެދޭ މީހާ ވިސްނަންޖެހޭނީ މިމަގުންނެވެ. މިޘާލަކަށް ބުނާނަމަ ޙަޔާތަކީ ފޮތެކެވެ. ދިރިއުޅުމަކީ އެފޮތް ކިޔުމެވެ. ކިޔަންފަށާފައިވާ ފޮތުން ފައިދާކުރާނީ ފޮތްކިޔައި ނިންމުމުންނެވެ. ވީމާ ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންވީ އިތުރު ޞަފްޙާތައް ކިޔުމަށެވެ. ކުރިން ކިޔާފައިވާ ޞަފްޙާތައް ތަކުރާރުކޮށް ކިޔަމުން ގެންދާ މީހަކަށް އޮންނާނީ ދުވަހަކުވެސް ފޮތް ކިޔައި ނުނިންމިފައެވެ. ފޮތް ކިޔުމުން ލިބެން އޮތް ފައިދާ ޙާޞިލުނުކުރެވިފައެވެ.

މިވާހަކަކޮޅު ޒަވާޖީ ޙަޔާތާއި ގުޅުވައިލާނަމަ ބުނަންޖެހޭނީ ދެމަފިރިންގެ މެދުގައި ކުރިންޖެހިފައިވާ މައްސަލަތަކާއިމެދު ވިސްނާ މީހަކަށް މުސްތަޤްބަލާއިމެދު ވިސްނާނެ ވަޤުތެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމެއްގައެވެ.  

އެހެންވީމާ ކުރިން ހިނގައި ގޮސްފައިވާ ކަންކަން އެއީ ވެނިމިފައިވާ ކަންކަމުގެ ގޮތުގައި ނިންމައިލާށެވެ. މާދަމައިން ފެށިގެނެއް ނޫނެވެ. މިއަދުން ފެށިގެންވެސް މަސައްކަތްކުރަންވީ ދެމީހުންނަށް އެކުގައި ކުރިއަށްދެވޭނެ ގޮތްތައް ހޯދާށެވެ! ލޯބިން އުފަލުގައި އުޅެވޭނެ ގޮތްތައް ހޯދާށެވެ! 

އަހުރެމެން އެންމެ ލޯބިވާ މީހުންވެސް މަރުވުމުން ވަޅުލަނީ ނޫންހެއްޔެވެ؟ އެއްވެސް މީހަކު އެމީހާގެ އެންމެ ލޯބިވާ މީހުން ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ މަރުވެފައި އޮތް ނަމަވެސް ފެންނަން އޮންނާށެވެ. ނަމަވެސް އެއީ ލިބެން އޮތް ފުރުޞަތެއް ނޫނެވެ. ދިރިއުޅުމަކީވެސް ހަަމ މިފަދަ ކަމެކެވެ. ކޮންމެ ސަބަބަކާއި ހުރެނަމަވެސް އަދި ކިތަންމެ ގިނަ ސަބަބުތަކެއް ހުރެގެން ނަމަވެސް މާޒީގެ ހަނދާންތައް ތިމާއާއިއެކުގައި ބާއްވަން މަސައްކަތްކުރާ މީހަކަށް އެހެދެނީ އެންމެ ބޮޑު އެއް ގޯހެވެ.  

ދެން އޮތީ މާޒީގައި އުޅެންޖެހުނު ހިތްދަތިކަން ބޮޑުވެ ކުރިމަތިލާންޖެހުނު ކަންކަން މަތިން ހަނދާން ނައްތައި ނުލެވޭނެ ކަމަށް ނިންމުމެވެ. ތިބާގެ ނިންމުމަކީ އެއީ ކަމުގައިވާނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ އެހިސާބުން ރިވެތި ގޮތުގައި ދެމީހުން ވަކިވެ އައު ޙަޔާތެއް ފެށުމެވެ. ވަކިނުވެ ތިބެ މާޒީގެ ހިތި ހަނޑާންތައް އައުކޮށް އެކަންކަމަށް ޒުވާބުކުރުންމަތީގައި ތިބެގެން ކުރާނެ އެއްވެސް ފައިޑާއެއް ނެތެވެ! އެކަން ވާނީ ލިބޭ އިތުރު އަނިޔާއަށެވެ.

 

- އަލަފް / މިއަދުނޫސް   

މިއަދު އޮންލައިން