ތިބާގެ ދިރިއުޅުން ބޮމެއް ފަދައިން ގޮއްވާލުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދިނުމަށް ސަމާލުކަންދޭންޖެހޭ ކަންތައް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިބާގެ ދިރިއުޅުން ބޮމެއް ފަދައިން ގޮއްވާލުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދިނުމަށް ސަމާލުކަންދޭންޖެހޭ ކަންތައް އެނގޭތަ؟

ބޮން ގޮއްވާ ވާހަކަ ދެއްކީމާ ގިނަ ބައަކަށް ވިސްނޭނީ މަތިން އޮއްސާ ނުވަތަ އަޅާ ބޮމެވެ. އެކަމުގައިވެސް މައްސަލައެއް ނެތެވެ. ބޮން އެޅީމާ ބިން ގޮވައި ބޮޑެތި ގެއްލުންތައް ލިބޭނެއެވެ. އެކަމަކު އަހުރެން ބުނަން މިއުޅެނީ މުޅިން ތަފާތު ބޮމެއްގެ ވާހަކައެވެ. ތިމާގެ އަމިއްލަ ދިރިއުޅުމަށް އެޅުމުން ދިރިއުޅުން ބޮމެއް ފަދައިން ގޮވާ ކަމެއްގެ ވާހަކައެވެ.   

ދެމަފިރިއަކު އެކުގައި ދިރިއުޅެމުން އަންނައިރު އަނެކާގެ ކިބައިން ފެންނާނީ ހަމައެކަނި ހިތް ރުހޭ ކަންކަމެއް ނޫނެވެ. ހިތް ނުރުހޭ އެތައް ކަމެއްވެސް ފެންނާނެއެވެ. އަދި ހިތް ނުރުހޭ އެތައް ކަމެއް ކުރަންވެސް ކުރާނެއެވެ. އެއީ މެދުވެރިވާނެ ކަންކަމެވެ. މިފަދަ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއްގެ ވާހަކަ އެންމެ ގާތް އެކުވެރިޔާގެ ގާތުގައިވެސް ނުދައްކާށެވެ. ޚާއްޞަކޮށް ބައިވެރިޔާ ކުށްވެރިކޮށްފައި އެއްވެސް ވާހަކައެއް ނުދައްކާށެވެ.  

އަހުރެން މިހެން ބުނީތީ މިވާހަކަ ނޯޓުކޮށްފައިވެސް ބާއްވާށެވެ! އެފަދަ ވާހަކައެއް ތިބާ އެއްވެސް މީހެއްގެ ގާތުގައި ދައްކައިފިނަމަ އެކަން ވެގެންދާނީ އަމިއްލަ ޙަޔާތް ދިރިއުޅުން "ގޮއްވާލަން" އެމީހަކާއި ޙަވާލުކުރެވޭ ބޮމަކަށެވެ. ތިބާއަށް އެންމެ މުހިންމުވާ ވަޤުތު ބޮން ގޮއްވައިލާނެއެވެ. ތިބާގެ އުފާތަކާއި ދިރިއުޅުން އަންދައިލާނެއެވެ.  

ކިތަންމެ ގާތް އެކުވެރިއަކަށްވުމަކީވެސް ދެމަފިރިންގެ ކަންކަން ކިޔައިދޭންޖެހެންވީ ސަބަބެއް ނޫނެވެ. ޚާއްޞަކޮށް އެކަކު އަނެކަކުދެކެ ލޯބިވާވަރާއި ހެޔޮކޮށްހިތާވަރާއި ހަދިޔާދޭވަރާއި ވަކިން ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ކިޔައިނުދޭށެވެ. ވަކިން ޚާއްޞަކޮށް ބައިވެރިޔާ ކުށްވެރިކޮށްފައި އެއްވެސް ވާހަކައެއް ނުދައްކާށެވެ.  

މިއަދު އަހުރެމެން މިއުޅެނީ ދީނުގައި ޘާބިތުނުވެވިގެންނެވެ. އެހެންކަމަށްވާއިރު އެކުވެރިކަން ދެމިއޮންނާނެ ކަމަށް ބޭއްވޭނީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

 

- ޝަމްވީލާ / މިއަދުނޫހަށް

 

 

މިއަދު އޮންލައިން