ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ޙިއްޞާކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަ ޕޯޓަލްއެއް ތަޢާރަފުކޮށްފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 'ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް' އަކީ އީމެއިލް، ފޯނު ކޯލް ނުވަތަ މިނިސްޓްރީއަށް ސީދާ ވަޑައިގަތުމުގެ ބަދަލުގައި، ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މައްސަލަތައް ވަގުތުން ލޮގްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށެވެ.
މި ޕޯޓަލް ބޭނުންކުރުމަށްޓަކައި https://facilitation.trade.gov.mv ވެބްސައިޓަށް ޒިޔާރަތްކޮށް ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމަށްފަހު، ވިޔަފާރިތަކަށް ދިމާވާ މައްސަލަތަކާއި، ކަންބޮޑުވުންތަކުގެ އިތުރުން ޚިޔާލާއި ސުވާލުތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންމެ މައްސަލައަކަށް ނުވަތަ ހުށަހެޅުމަކަށް ވަކި ޚާއްޞަ ރިފަރެންސް ނަންބަރެއް ދެވޭނެ ކަމަށާއި، މި ނަންބަރު މެދުވެރިކޮށް ހުށަހެޅި ކަމެއްގެ އެންމެ ފަހުގެ އަދާހަމަ ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.