ނިމިދިޔަ އޮގަސްޓް މަސް ނިމުނުއިރު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާ ކަމަށާއި، އެ މަހުގެ އެލަވަންސްގެ ގޮތުގައި 1.07 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސްގެ ރަޖިސްޓްރީގައި ޖުމްލަ 981 މީހުން ހިމެނޭއިރު، އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 668 މީހުންނެވެ. މީގެ ތެރެއިން ގަވާއިދުން ލޭއަޅަންޖެހޭ ކުދިންގެ ތެރޭގައި އެންމެ ގިނައީ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އަތޮޅުތަކުން 505 މީހުން ރަޖިސްޓްރީގައި ހިމެނެއެވެ.
ތެލެސީމިއާ ޕޭޝަންޓުންގެ އުމުރުފުރާތަކަށް ބަލާއިރު އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މީގެއިތުރުން، އާބާދީގެ ނިސްބަތުން ތެލެސީމިއާ ޕޭޝަންޓުން އެންމެ ގިނަކަން ފާހަގަކުރެވެނީ ނ. އަތޮޅުގައެވެ. އަދި ވ. އަތޮޅުގައި ތެލެސީމިއާ ޕޭޝަންޓެއް ނެތްކަން ތަފާސްހިސާބުތަކުން ދައްކައެވެ.