ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުން، ކޮންމެ އެތުލީޓެއްގެ ވެސް 100 އިންސައްތަ ދިނުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެދިވަޑައިގެންފިއެވެ.
ވަޒީރު މިކަމަށް އެދިވަޑައިގަތީ، އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނެ އެތުލީޓުން އިއުލާނުކޮށް، އެ އެތުލީޓުންނާ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި ދިދައިގެ ކުލަތަކުން އެ ރަމްޒުކޮށްދޭ ކަންކަމަކީ ކޮންމެ އެތުލީޓެއްގެ ވެސް ހިތުގައި ބިންވަޅުނެގިފައިވާންޖެހޭނެ ކަންތައްތަކެއް ކަމަށެވެ. އަދި ކުޅިވަރުގައި ދިވެހިން ބޭނުންކުރާ ރަތް ކުލައިން، ކުޅިވަރުގެ ދާއިރާއިން ވެސް ދިވެހި ގައުމަށްޓަކައި އެތައް ބަޔަކު، ލެޔާއި ދަލުން ވީ ގުރުބާނީ ރަމްޒުކޮށްދޭއިރު، އެއީ މިހާރުގެ އެތުލީޓުން އެކަންކަމާއިމެދު ފުންކޮށް ވިސްނާ، އިބުރަތް ހާސިލްކުރަންޖެހޭ ކަންކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ހުރިހާ ކަމެއް ހިތާއި ސިކުނޑީގައި ބަހައްޓައިގެން ދިވެހި ކޮންޓިންޖެންޓު ފުރައިގެން ދާއިރު، ވީހާވެސް ބޮޑު ގުރުބާނީއެއް ކުޅިވަރުގެ ރޮނގުން މި ގައުމަށްޓަކައި ވުން އެއީ އެތުލީޓުންގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނެ ކަމަށެވެ.
އެހެންކަމުން، ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވެސް އަދި ޔޫތު އޮލިމްޕިކްސްގައިވެސް، ހިތްހަމަޖެހޭ ވަރަށް ޕާފޯމްކޮށް، ކޮންމެ އެތުލީޓެއްގެވެސް 100 އިންސައްތަ ދީގެން، އެންމެ ފަހު އިވެންޓު ނިމުމާ ހަމައަށް ފުރިހަމަ މަސައްކަތްކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.