ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތްތައް އަވަހަށް ނިންމައި، ޒަމާނީ ފަހުގެ ވަސީލަތްތަކާއެކު ފުލުހުންގެ އެކި ބަހާތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމަށްޓަކައި މިހާރު ކުރިއަށްގެންދާ 154 މަޝްރޫއުގެ ތެރެއިން ބޮޑު ބައެއްގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މީގެއިތުރުން، ފުލުހުންގެ އިންޓެލިޖެންސް، ތަހުގީގު އަދި ފޮރެންސިކް ފަދަ މުހިންމު ދާއިރާތަކަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާތަކުން ފުލުހުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްސަ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ރައްޔިތުން އެދޭ ފަދަ ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް ފުލުހުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.
ހަމައެއާއެކު، ފުލުހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި އެ ފަރާތްތަކުގެ އާއިލާތަކުން ދެއްވާ މަތިވެރި އެއްބާރުލުން ފާހަގަކުރައްވައި، ވަޒީރު ވަނީ ފުލުހުންގެ އާއިލާތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.