ބޭރުފައިސާގެ މުޢާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަންޖެހޭ ގޮތަށް ބޭރުފައިސާއާ ބެހޭ އާންމު ޤަވާއިދު އެ އޮތޯރިޓީން އިސްލާހުކޮށްފިއެވެ. ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މަރުކަޒީ ބޭންކުން އިސްލާހުކުރި ދެ ޤަވާއިދެއް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤަވާއިދަށް ގެނައި އިސްލާހުގައި، ވިޔަފާރިތަކަށް ލުއިތައް ދިނުމުގެ އިޖުރާއަތުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.
މިގޮތަށް ފައިސާ މާރުކުރުމުގައި ބޭރުފައިސާގެ އިލްތިޒާމުތައް ހަމަޖައްސަން ޖެހޭ ހާލަތްތަކުގައި ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ. ބޭރު ފައިސާއާބެހޭ އާންމު ޤަވާއިދަށް ގެނެވުނު އިސްލާހުގައި ބޭރު ފައިސާއިން މުޢާމަލާތްކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ވަނީ ހިމަނާފައެވެ. އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އެމްއެމްއޭއަށް ހުށަހަޅަން ޤަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.
މި ޤަވާއިދުގެ ދަށުން ޤާނޫނުގައި ބަޔާންކުރާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައް ވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އިންޝުއަރެންސަށް ފައިސާ ދެއްކުމާއި، ހިއްސާދާރުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާއި، ޤާނޫނުގެ ތެރެއިން ހުއްދަދެވޭ ވިޔަފާރި މުޢާމަލާތްތައް ހިމެނެއެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މުޢާމަލާތްތަކާއި، މަތީ ތަޢުލީމާ ގުޅޭ މުޢާމަލާތްތައް ވެސް މި ލުއިތަކުގެ ތެރޭގައި ހިމެނެއެވެ.