ރިސޯޓްތަކުން ބިމު ކުއްޔާއި، އެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދު 97 މިލިއަން ޑޮލަރަށް އަރާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ރިސޯޓް ހިންގާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަކީ ޓެކްސް ނިޒާމާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާ ފަރާތްތައް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ހިންގަމުންދާ ބައެއް ރިސޯޓުތަކާއި ހުއްދައަކާ ނުލައި އަމިއްލައަށް ބަންދުކޮށްފައިވާ ބައެއް ތަންތަނުން ކުލި ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު 97 މިލިއަން ޑޮލަރަށް އަރާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ރިސޯޓްތަކުން 2013 ވަނަ އަހަރުން ފެށިގެން ވެސް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ އެބަހުއްޓެވެ. އަދި މިއީ ދިގު މުއްދަތެއްގެ ތެރޭގައި ހިނގާފައިވާ ކަންކަން ކަމަށްވާތީ، މި މައްސަލަ އެއްކޮށް ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އެއް ނިޒާމެއްގެ ތެރެއިން ހަމަހަމަކަމާއެކު ޢަމަލުކުރެވޭނެ އުސޫލުތަކެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.